އޮލިމްޕިކް ސޮލިޑޭރިޓީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީއާ އެކު އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި އެތްލެޓިކްސް ކޯޗިން ކޯހެއް މިއަދު ފަށައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ތިނަދޫގައި މިއަދު ފެށި މިކޯސް އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، މިކޯހަކީ އައިއޭއޭއެފް ލެވެލް އެކެއްގެ ކޯހެއް ކަމަށެވެ. އަދި ކޯހުގައި ޖުމްލަ 25 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިނަދޫގެ 21 ފަރާތަކާއި މާލެ އިން ބައިވެރިވި ހަތަރު ފަރާތެކެވެ.

ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ރަށު ކައުންސިލްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޯސް މައިގަޑު ގޮތެއްގައި އަމާޒު ކުރެވިފައި ވަނީ ރާއްޖޭގެ ދެކުނުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ޕީއީ ޓީޗަރުންނާއި އެތްލެޓިކްސް ރޮގުން ކުރިއަށް ދާން ގަސްތުކުރާ ފަރާތްތަކަށެވެ.

ކޯހުގައި ކިޔަވައި ދިނުމަށް އައިއޭއޭއެފް އިން ހަމަޖައްސާފައި ވަނީ އައިއޭއޭއެފްގެ ދެ ލެކްޗަރާއިން ކަމުގައިވާ އެތުލެޓިސް އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރު ފާރިސް ޢަބްދުﷲ އާއި ގައުމީ ހެޑް ކޯޗު މުހައްމަދު އާމިރެވެ.