ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީފައިނަލުގައި މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ލީގުޗެމްޕިއަން ޓީ-ރެކްސް އިން މެޗު ކާމިޔާބުކޮށްފައި ވަނީ 81 ޕޮއިންޓް 66 ޕޮއިންޓުން ލީގުގެ ދެވަނަ އަށް ދިޔަ ރެޑްލައިން ކުލަބު ބަލިކޮށްފަ އެވެ.

ސެމީ ފައިނަލުގެ ފޯރިގަދަ އެ މެޗުގައި ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާއި ޚިލާފު ކަންތައްތަކެއް ހިނގާފައި ވާކަން ފާހަގަ ކުރެވުނެވެ.

ރޭގެ މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު އެއްކޮށްދިނީ 24 ޕޮއިންޓު ހޯދައިދިން އެކަސޮމީ ކްރިސްޓޮފާ އެވެ. އޭނާ އަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ. ރެޑްލައިން ކުލަބަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 28 ޕޮއިންޓު ހޯދައިދިން މުހައްމަދު ޒިލާލު އެވެ.

މުބާރާތުގެ ދެވަނަ ސެމީފައިނަލުގައި މިރޭ ބައްދަލު ކުރާނީ ލީގުގެ ތިން ވަނަ ހޯދި ހަރިކޭން އާއި ހަތަރު ވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބެވެ. މެޗު ފެށުމަށް ހަމަޖެގިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ 9:00ގަ އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ސެމީ ފައިނަލެވެ. އޭގެ ތެރެއިން ފުރަތަމަ ސެމީގައި ލީގުގެ އެއް ވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމު ވާދަކުރާ އިރު އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެ އެވެ.

ދެ ވަނަ ސެމީގައި ވާދަކުރާނީ ލީގުގައި ތިން ވަނަ އަށްދާ ޓީމާއި ހަތަރު ވަނަ ޓީމެވެ. މި މެޗުން މޮޅުވާ ޓީމު ވާދަކުރާނީ ފުރަތަމަ ސެމީ އިން ބަލިވާ ޓީމަކާ އެވެ. އަދި ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީ އިން ބަލިވާ ޓީމާއި ދެ ވަނަ ސެމީ އިން މޮޅުވާޓީމާ ދެމެދު ކުޅެވޭ ތިން ވަނަ ސެމީ އިން މޮޅުވާ ޓީމަކަށެވެ.