25 Dec 2012, 09:49
މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 2.5 ބިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލަން އެންގުމަށް ބަޖެޓް ރެކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމަށް މަޖިލީހުގެ ބަޖެޓް ކޮމެޓީގެ ރިޕޯޓްގައި ހިމަނައިފި އެވެ.
މަޖިލީހުގެ މެންބަރުންނަށް މިހާރު ފޮނުވާފައިވާ 2011 ވަނަ އަހަރުގެ ބަޖެޓް ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވަނީ؛ "އިމިގުރޭޝަން ޑިޕާޓްމަންޓުން މެލޭޝިއާގެ ނެކްސްބިޒާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހަވާލުކޮށްފައި ވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަމުން، 17 އޮކްޓޯބަރު 2010ގައި ދިވެހި ސަރުކާރާއި ނެކްސްބިޒާ ދެމެދު ކުރެވިފައިވާ އެއްބަސްވުން އުވާލުމަށް ދިވެހި ސަރުކާރަށް އެންގުން،" މިހެންނެވެ.
މާލިއްޔަތު ކޮމެޓީން ވެސް މީގެ ކުރިން ނިންމާފައި ވަނީ ބޯޑާ ކޮންޓްރޯލްގެ އެގްރިމަންޓް ބާތިލް ކުރަން ސަރުކާރަށް އެންގުމަށެވެ. ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކި ފަހަރު މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަމަށް އިމިގްރޭޝަނުން ބޯލަނބާފައެއްނުވެ އެވެ.
ބަޖެޓް ދިރާސާ ކުރި ކޮމެޓީން ނިންމާފައި ވަނީ ނެކްސްބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް އެއްވެސް ހަރަދެއް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ނަމަ އެ ފައިސާ އުނިކުރުމަށާއި އަދި އާމްދަނީގައި ވެސް އެ މަޝްރޫއުން ފައިސާ ހިމެނިފައިވާ ނަމަ އެބައިވެސް އުނިކުރުމަށެވެ.
ބަޖެޓްގައި ދެން ހިމަނާ ރެކޮމެންޑޭޝަންގެ ގޮތުގައި ވަނީ ކަރަންޓް ސަބްސިޑީ ދިނުމުގައި އެއްވެސް ތަފާތު ކަމެއް ނުގެންގުޅުމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުންދޭ ކަރަންޓް ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުންދޭ ކަރަންޓް ހިދުމަތުގެ ބިލްތަކަށް ވެސް ސަބްސިޑީ ދިނުމެވެ.
ބަޖެޓް ކޮމެޓީން ދިރާސާކުރުމަށް ފަހު ނިންމާފައިވާ ގޮތުން ސަރުކާރުން ހުށަހެޅި ބަޖެޓް 16.9 ބިލިއަން ރުފިޔާގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ އުނިކޮށް 15.3 ބިލިއަން ރުފިޔާ އަށް ބަޖެޓް ވަނީ ފައްތަން ނިންމައިފަ އެވެ. އެގޮތުން އުނިކުރަން ނިންމާފައިވާ ދާއިރާތަކަކީ އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާއިން 50 ޕަސެންޓް އުނިކޮށް 115 މިލިއަން ރުފިޔާއަށް ކުޑަކުރުމާއި ދަތުރުފަތުރުގެ ހަރަދުން 50 ޕަސެންޓް އުނިކޮށް 90.30 މިލިއަން ރުފިޔާއަށް ހަރަދުތައް ކުޑަކުރުމަށެވެ.
އަދި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތީގެ އަގުން 127.32 މިލިއަން ރުފިޔާ އަށް ކުޑަކޮށް އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުން 35 ޕަސެންޓް އުނިކޮށް 451.7 މިލިއަން ރުފިޔާއަށް ކުޑަކުރަން ވަނީ ނިންމައިފަ އެވެ. ތަމްރީން ކުރުމަށް ކުރާ ހަރަދުން 30 ޕަސެންޓް އުނިކޮށް 29.58 މިލިއަން ރުފިޔާ އަށް ވަނީ ހަރަދުތައް ކުޑަކޮށްފަ އެވެ. މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުން 50 ޕަސެންޓް އުނިކޮށް 101.25 މިލިއަން ރުފިޔާ އަށް ކުޑަކުރަން ވަނީ ހިމަނައިފަ އެވެ. އަދި ހޯދޭ ހަރުމުދަލުގެ ހަރަދު 102.03 މިލިއަން ރުފިޔާ އަށް ކުޑަކުރަން ވެސް ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ އެއްވެސް ކޯޑަކުން ފައިސާ އުނިކުރުމަށް ހިމަނާފައެއްނުވެ އެވެ. އޭގެ ބަދަލުގައި އެކި ބައިތަކުން އުނިކުރުމަށް ފަހު 349 މިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް އިތުުރުކުރުމަށް ވަނީ ނިންމައިފަ އެވެ.
އާމްދަނީއާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މުވާސަލާތީ ހިދުމަތުން ޖީއެސްޓީ ނެގުމާއި އިމްޕޯޓް ޑިއުޓީ ރިވައިޒްކުރުން އަދި 14 ރަށެއް ރިސޯޓް ހަދަން ކުއްޔަށް ދިނުމަށް ހުށަހެޅި ހުށަހެޅުމަށް ކޮމެޓީން ވަނީ ތާއީދުކޮށްފަ އެވެ. އަދި ބެޑްޓެކްސް ދެމެހެއްޓުމަށް ހުށަހެޅި ނަމަވެސް އަންނަ އަހަރުން ފެށިގެން އެ ޓެކްސް އުވާލައި ޓީޖީއެސްޓީ 15 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ ކޮމެޓީން ހުށަހަޅައިފަ އެވެ.
ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވަނީ ބަޖެޓް ކޮމެޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ ރިޕޯޓް ފާސްވާނީ މަޖިލީހުގައި ބަހުސްކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓް ފާސްކުރުމަށް ވޯޓުނަގައި މެންބަރުންގެ ތާއީދުން ރިޕޯޓް ފާސްކުރުމުންނެވެ.