ބާލިން (ޑިސެމްބަރު 25): ސްޓްރޯކެއްގެ ސަބަބުން ޖަރުމަނުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާ ޢިރާޤުގެ ރައީސް ޖަލާލް އައްތަލަބާނީގެ ޙާލުކޮޅު ރަނގަނޅުވަމުން އަންނަ ކަމަށް އޭނާގެ ޕާސަނަލް ޑޮކްޓަރު ނަޖްމުއްދީން ކަރީމް ވިދާޅުވެއްޖެ އެވެ.

ކަރީމް ވިދާޅުވީ ސްޓްރޯކުގެ ސަބަބުން ތަލަބާނީ އޮތް ޙާލަތުގެ ސީރިޔަސްކަން މިހާރު ކުޑަވަމުންދާ ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ތަލަބާނީ އަށް އަދިވެސް ވާހަކަ ނުދެއްކޭއިރު އޭނާ އަށް ނުވެސް ހިނގެ އެވެ. ތަލަބާނީ އަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިވަޑައިގަތީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ސްޓްރޯކާ ގުޅިގެން ތަލަބާނީ ހޭފުޅުނެތިފައި ވެސް ދެ ދުވަހަކު އޮތް ކަމަށް ޚަބަރު ލިބިފައިވެ އެވެ. ޢިރާޤުގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތަލަބާނީ ޖަރުމަނަށް ގެންދެވުނީ މިދިޔަ ހަފްތާގަ އެވެ. ތަލާބާނީ އަކީ މީގެ ތިން އަހަރު ކުރިން އެމެރިކާގައި ހިތްޕުޅުގެ ބައިޕާސް އޮޕަރޭޝަނެއް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަކުރު މައްޗަށް ދިޔުމުގެ ސަބަބުންނާއި ލޭ މައްޗަށް ދިޔުމުގެ ސަބަބުން ތަލަބާނީ ދޭތެރެއަކުން ހޮސްޕިޓަލުގައި އެނދުމަތި ކުރަމުން ގެންގޮސްފައިވެ އެވެ.

އުމުރުން 79 އަހަރުގެ ޖަލާލް އައްތަލާބާނީ އަކީ އިރާގުގެ ކުރުދީ ނަސްލުގެ ބޭފުޅެކެވެ. ތަލާބާނީ އަށް ޢިރާޤުގެ ވެރިކަން ލިބިވަޑައިގަތީ އެމެރިކާ ސިފައިން ޢިރާޤަށް އަރައި ޢިރާޤު އިސްތިޢްމާރު ކުރުމަށް ފަހު 2003 ވަނަ އަހަރު އެވެ. (އަލްޖަޒީރާ)