މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހި ތަކަކާއެކު އުމުރުން 18 އަހަރުގެ ކުއްޖަކު އައްޑު އަތޮޅު ހިތަދޫން ހައްޔަރުކޮށްފި އެވެ.


ފުލުހުން  މިއަދު ބުނީ އެކުއްޖާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި ހައްޔަރުކޮށްފައި ވަނީ  ހިތަދޫ ފިނިފަރުގޭ މުހައްމަދު އަހުމަދު ކަމަށެވެ.


އަދި ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ފިނިފަރުގޭގެ ތަންތަން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 98 ސެލޯފިންކޮޅު އެގޭގެ ކޮޓަރިއެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.


ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ މީގެ ކުރިން އެއްވެސް ކުށުގެ މައްސަލަ އެއް ނެތް މުހައްމަދު އަހުމަދަކީ މަސްތުވާތަކެތީގެ މައްސަލައިގެ ތެރެއަށް އަލަށް ވަން ކުއްޖެއް ކަމަށެވެ.


މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާއި ކުޑަ ދެ ކުއްޖަކު ސ.މަރަދޫ ފޭދޫން އިއްޔެރޭ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އައްޑު އަތޮޅުގައި ފަހަކަށް އައިސް ކުށްކުރުން އިތުރުވެފެއިވާއިރު ރަށު ތެރޭ ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.


މުހައްމަދު ރަޝީދު ވިދާޅުވީ އައްޑު އަތޮޅުގައި ކުށްކުރުން މިދުވަސްވަރު އިތުރުވެފައިވަނީ ބޮޑެތި ކުށްކުށުގައި ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫވެފައި ތިބުމާއި އަދި އެމީހުންގެ ތެރޭގައި އައްޑު އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުށްވެރިން ތިބުމުނެވެ.