24 Dec 2012, 23:14
ރާއްޖޭގައި ރަސްމީ ސިފައެއްގައި މިހާތަނަށް ބާއްވާ އެފްއޭއެމް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ސިފައިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އެއް ވަނަ ޓީމުގެ ގޮތުގައި ސިފައިން ސެމީއަށް ދަތުރުކޮށްފި އެވެ.
ލީގު އުސޫލުން ކުޅުނު މުބާރާތުގެ ފުރަތަމަ ބުރުގައި، ސިފައިން ކުޅުނު އެންމެ ފަހު މެޗު މިއަދު ހަވީރު ލ. އެޓޯލް ސްޓާރއާ ދެކޮޅަށް ކުޅުނު އިރު، މެޗު ނިމިގެންދިޔައީ 1-0 ގޯލްގެ ތަފާތުން ސިފައިން މެޗް ކާމިޔާބު ކޮށްގެނެނެވެ.
ހެންވޭރު ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ސިފައިންގެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ފަދްވާ ޒާހިރު (ފަދޫ) އެވެ. އަދި މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ އޭނާ އެވެ.
މެޗަށް ފަހު ސިފައިންގެ ޓީމުގެ ކޯޗް އަހުމަދު މުޖްތަބާ (މުޖޭ) ބުނީ، އުންމީދު ކުރި ގޮތަށް ކުޅެ މެޗުން މޮޅުވުމުން ވަރަށް އުފާވި ކަމަށާއި ކުޅުންތެރިންގެ މަސައްކަތައް ތައުރީފް ހައްގު ކަމަށެވެ.
މިއަދުގެ މެޗުން ބަލިވި، ލ. ސްޓާގެ ކޯޗް މުހައްމަދު ނަސީރު ބުނީ، މެޗުން ބަލިވި ނަމަވެސް ޓީމުގެ ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށާއި ނަތީޖާ ނުނެރެވުނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު ކުޅޭ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ސިފައިން ނިކުންނަން ޖެހޭ އިދިކޮޅު ޓީމު ކަށަވަރުވާނީ، ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު 4:25ގައި ނިކުންނަ ނަތީޖާއަކުންނެވެ. އެގޮތުން ފުރަތަމަ ބުރުގައި ކުޅޭ ފަހު މެޗުގައި މާދަމާ ވާދަކުރަނީ އެމްބީސީ އާއި އިސްކަންދަރެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ސިފައިން ކުޅެންޖެހޭ ހުރިހާ މެޗެއް ނިމިފައިވާ އިރު، ތާވަލްގެ އެއްވަނާގައި ސިފައިން އޮތީ 12 ޕޮއިންޓާ އެކު އެވެ. ނުވަ ޕޮއިންޓާ އެކު ދެވަނާގައި ސަން ޓްރެވަލްސް އޮތްއިރު، ތިން ވަނާގައި އޮތް ލ. އެޓޯލް ސްޓާރއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އިސްކަންދަރަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ކުޅުނު ހުރިހާ މެޗަކުން އެމްބީސީ ވަނީ ބަލިވެފަ އެވެ.
ސެމީ ފައިނަލުން ސިފައިންނާއި، ސަން ޓްރެވަލްސް އަދި ލ. އެޓޯލް ސްޓާރ މިހާތަނަށް ޖާގަ ހޯދާފައިވާ އިރު، މާދަމާގެ މެޗަކީ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުވެގެންދާނެ މެޗެވެ.
ޑިސެންބަރ 30ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.