ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުން ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ރާއްޖެ ގެނެސްފައި ހުރި ގިނަ އަދެދެއްގެ ތަކެތި ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އެ ސާވީސްގެ ބެލުމުގައި ދަށުގައި ހުރި 78 ބާވާތެއްގެ ތަކެތި މިއަދު ނައްތާލާފައިވާ ކަމަށެވެ.

ތިލަފުށީގައި މިއަދު ނައްތާލި އެ ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދުންފަތުގެ ބާވާތްތަކާއި އިސްލާމް ދީނަށް އިހާނަތްތެރިކޮށް ހިތޭ ފަދަ ތަކެއްޗާއި ލޭބަލް ނުކޮށް ހުރި ބާވާތްތައް ކަމަށް ކަސްޓަމްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަދު ތިލަފުށީގައި އަންދާލައިގެން ނައްތާލި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ދުންފަތް ފެކެޓާއި ބިޑި ހިމެނޭ އިރު އިސްލާމް ދީނަށް އިހާނަތްތެރިކޮށް ހިތޭފަދަ ތަކެތީގެ ގޮތުގައި ހިމެނޭ ފަންޑިތަ ފޮތްތަކެއް ވެސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ހޯދަން ޖެހޭ ހުއްދަތައް ނުނަގާ ރާއްޖެ އަށް އެތެރެކުރަން މަސައްކަތްކުރި 20،000 ތެލާޕިއާ ވެސް ކަސްޓަމްސް އިން އިއްޔެ ވަނީ ނައްތާލައިފަ އެވެ.