24 Dec 2012, 23:00
މިދިޔަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ ގައުމީ ހަރަކާތުން "ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް" އެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެންނެވުމުން އޭނާ އަށް "ބަޔަކު ހަމަލާދީ ހަމަނުޖެހުން" ހިންގި ކަމަށާއި އަދި އެކަން އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއްް ނެރެފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލްހާން އެ ޖަލްސާ އަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގައިކޮޅަށް ބަޔަކު ހަމަލަދީ ހަމަނުޖެހުން ހިންގާފައި ވާތީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އެއްވުމަށް އަލްހާން ވަޑައިގަތުމުން އެ މަނިކުގެ ގައިކޮޅަށް ބަޔަކުވަނީ ހަމަލާ ދީފައި. އަދި ހަމަނުޖެހުން ވެސް ހިންގާފައިވޭ. އަޅުގަނޑުމެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ބަޔާނުގައިވެ އެވެ.
އެ އެއްވުމުގައި ހިންގި ކުރިމަތިލުމާ ބެހޭ ގޮތުން އަލްހާން ވިދާޅުވެފައި ވަނީ ގައުމީ ހަރަކާތުގެ ފަރާތުން ކުރިއަށް ގެންދާ އެއްވުމަށް އޭނާ ވަޑައިގަތުމުން އެތަނުގައި ތިބި ބަޔަކު އޭނާގެ ގަޔަށް އަރައިގަތުމަށް ފަހު އޭގެތެރެ އިން އެކަކު އޭނާގެ ގައިގައި ޖެހި ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ގައިގައި ޖެހީ ކާކުކަން ނޭނގޭ ކަމަށާއި ނަމަވެސް ފުލުހުން އެވަގުތު އެތަނުގައި ތިބި ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އަލްހާން އެ ބައްދަލުވުމަށް ވަޑައިގަތުމަކީ "ވިސްނުންތެރި"ކޮށް އަލްހާން ކުރެއްވި ކަމެއް ކަމަށެވެ. އަދި އަލްހާންގެ އެ ކުރިމަތިލެއްވުމަށް އެމްޑީޕީން ވަނީ އޭނާ އަށް ތައުރީފު ވެސް ކޮށްފަ އެވެ.
އެ ވަހަކައަށް ޖަވާބުދާރީ ވަމުން "ރައްޔިތުންގެ ގައުމީ ހަރަކާތު"ން ބުނީ އަލްހާން އެ ސަރަހައްދަށް ވަޑައިގަތުމުން އޭނާގެ ގައިގައި އެއްވެސް މީހަކު ނުޖަހާ ކަމަށާއި އަދި މާރާމާރީ ވެސް ނުހިންގާ ކަމަށެވެ. އެކަމަކު އެ ތަނުން އޭނާ ފޮނުވާލުމުގެ ގޮތުން "ކޮއްޕާލާ"ފައި ވެދާނެ ކަމަށެވެ.