ވިހަ އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ އަދަބު ތަންފީޒު ކުރާ ނަމަ އިސްލާމް ދީނުގައި އެކަން ކުރަން އޮންނަ މަގުސަދު ފުރިހަމަ ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާ ގޮތަށް ކަނޑައަޅައި މަރުގެ ކުށާއި އެ ކުށާ ގުޅޭ އެހެނިހެން އުސޫލު ގާއިމް ކުރުމުގެ ބިލް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ އާންމުންގެ ޚިޔާލަށް ހުޅުވާލައިފަ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ކުރީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ މީހުންގެ ކުރިމަތީގައި ކަރު ބުރިކޮށްލައިގެން މަރާލުމާއި އިންޖެކްޝަނަކުން މަރާލުމާއި ވަރަށްބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ. އެގޮތުން އާއްމުންގެ ކުރިމަތީގައި އަރާމު ނިންޖަކުން ނިދާލާ މަންޒަރު ފެނުމުން އެކަމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އިހުސާސް ކުރެވުމުގެ ފުރުސަތު ވަރަށް ހަނިވާނެ ކަމަށެވެ. އަދި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އިސްލާމް ދީނުގައި އޮންނަނީ ގިނަ ބައެއްގެ ކުރިމަތީގައި ކަމަށާއި އޭގެ ބަދަލުގައި ހޮސްޕިޓަލްގައި ބާއްވައިގެން އިންޖެކްޝަނަކުން މެރުމަށް ފަހު ގާތިލު މަރައިފި ކަމަށް ޚަބަރުން ރައްޔިތުންނަށް އެންގިޔަސް ދީނުގައި އެކަމަށް ކަނޑައަޅާފައި އޮތް މަގުސަދު އެއްގޮތަކަށް ވެސް ހާސިލް ވެގެން ނުދާނެ ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރާ އިރު އެހެން މީހުންނަށް އެކަން އިބްރަތަކަށް ފުދެންޖެހޭ. މީހެއްގެ ބޯ ހަށިގަނޑާއި ވަކިވެގެންދާ މަންޒަރު ފެނުމާއި، އިންޖެކްޝަނެއް ޖެހީމާ ނިދިފައި އޮވެގެން މަރުވެގެންދާ ދިއުމާއި ހިކުމަތުގައި ތަފާތެއް އެބައާދޭ. އެމަކުން ލިބޭ އިބްރަތާއި ކުރާ އަސަރު ވަރަށް ތަފާތުވާނެ. ދެން އިންސާނީ ހައްގުތަކޭ މީހުން ކިޔަސް އިންސާނުންގެ ހައްގުތަކަށް އިސްލާމް ދީނުގައި އޮތީ ވަރަށް ބޮޑަށް ރިޔާޔަތް ކޮށްފައި. އިސްލާމް ދީނުގައި އަންގަވާފައި އޮންނަނީ މީހެއްގެ ފުރާނަ ހައްގަކާއި ނުލާ ނެތިގެން ދިއުމަކީ ދުނިޔެ ފަނާވެގެން ދިއުމަށް ވުރެ ބޮޑު ކަމެކޭ އެއީ. ގަސްތުގައި މީހަކު މަރާފައި އެ މަރުވި މީހާގެ ވާރުތަވެރިން މާފު ނުކުރާހާ ހިނދެއްގައި އެމީހާ އަށް ދުނިޔޭގައި ދިރިހުރުމުގެ އެއްވެސް ހައްގެއް ނެތް. ގާތިލުގެ ކިބައިން ގިސާސް ހިފާ މަންޒަރު އެބަޖެހޭ ވާރުތަވެރިންނަށް ވެސް ފެންނަން. އޭރުން އެމީހުންގެ ހިތަށްވެސް ފިނިކަމެއް ލިބޭނީ،" މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލަން ތިބޭ މީހުންނަށް އިހްސާސް ނުކުރެވުނު ނަމަވެސް އިންޖެކްޝަން ޖަހައިގެން މަރާލާ މީހާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ވޭންތަކެއް އިހްސާސް ކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ތޫނު ކަނޑިއަކުންޖަހާ ކަރު ބުރިކޮށްލުމުން އެފަދަ ވޭންތަކެއް އިހްސާސް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިސްލާމް ދީނުގައި ވެސް އެކަންކުރަން އޮންނަނީ ވެސް އެމީހާ އަށް އެންމެ ވޭންކުޑަ ގޮތަކަށް ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަންޒަރު ބަލަންތިބޭ ބަޔަކަށް ވެސް އެކަމުން ވަރަށްބޮޑެތި އިބްރަތްތަކެއް ލިބި މުޖުތަމައުގެ ތެރޭގައި އެފަދަ ޖަރީމާތައް ހިންގާ މީހުން މަދުވެގެންދާނެ ކަމަށެވެ.

މިދިޔަ ހަފްތާ ތެރޭގައި އާންމުންގެ ހިޔާލަށް ސަރުކާރުން ހުޅުވާލި "މަރުގެ ކުށާއި އެ ކުށާ ގުޅޭ އެހެނިހެން އުސޫލު ގާއިމް ކުރުމުގެ ބިލް"ގައިވާ ގޮތުން މަރުގެ އަދަދުބުދޭނީ އާންމުނަށް ހާޒިރުނުކޮށް އިންޖަކްޝަން ޖަހައިގެންނެވެ. އަދި އެ ހުކުމް ތަންފީޒު ކުރުމަށް ގިނަ މަރުހަލާތަކެއްގައި ފުރިހަމަ ކުރަން ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލްގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ އެ ބިލަކީ ދުނިޔޭގެ ގައުމުތަކުގައި މަރުގެ އަދަބު ތަންފީޒު ކުރާ ގޮތުގެ ގިނަ ދިރާސާތަކަކަށް ފަހު ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށެވެ.