މާލޭ ސްޓޭޑިއަމް ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ހުންނަ ދެ ނަންބަރު ކުނި ކޮށީގައި މިހާރު ހުރި ކުނިތައް ހުސްކުރުމުގެ މަސައްކަތް ހަތްލައްކަ ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން، ސަރުކާރު ހިއްސާވާ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަ ޖުމުލަ އަގަކީ 795000ރ. ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން އެމްޓީސީސީއާ ހަވާލުކުރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެނެވި އާބިދާ ރަޝީދެވެ.

އެ ރަސްމިޔާތުގައި އަބްދުލްމަތީން މުހައްމަދު ވިދާޅުވީ އެމްޓީސީސީއާ ކުނި ހުސްކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމީ މިހާރު ދިމާވެފައިވާ ކުނީގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ގެނައުމަށް ކަމަށެވެ.

މަތީން ވިދާޅުވީ މާލޭ ކުނި ކޮށީގެ މައްސަލައަށް ހައްލެއް ނައިސް ދުވަސްތަކެއް ވެގެންދިޔައީ ކުނި ނައްތާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ޓަޓްވާ ގްލޯބަލް އާކު ވެފައިވާ އެއްބަސްވުގައި މައްސަލަތަކެއް އުޅޭތީ އެ މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ކުރަން ޖެހުމުން ކަމަށެވެ.

"މި އަހަރު ފެށުނީއްސުރެ އަޅުގަނޑުމެން މި މަސައްކަތްކުރީ ކުރިން މި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާ އެކު ކުރިއަށް ގެންދެވޭތޯ. ތަފާތު މަޝްވަރާތައް ތަފާތު ފެންވަރުގައި ކުރެވިއްޖެ. އެހެން ނަމަވެސް މިކަން މިހާރު މި އޮތީ ވަރަށް ބޮޑަށް ގޯސްވެފައިކަން ގަބޫލު ކުރަން އެބަޖެހޭ. އެހެންވީމާ ސަރުކާރުން އިސް ނަގައިގެން ސިޓީ ކައުންސިލުގެ އެއްބާރުލުމާ އެކު އެންމެން އެކީގައި ކުރާ މަސައްކަތެއްގެ ގޮތުގައި އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރެވެނީ،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓަޓްވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވަށް މި ހަފްތާ ނިމުމުގެ ކުރިން ގޮތެއް ނިންމޭނެ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު މިހާރު ގެންދަނީ އެންމެ ފަހުގެ މަޝްވަރާތައް ކަމަށާއި އޭގެ ފަހުގައި އެކުންޏާ އެކު ކުރިއަށް ގެންދެވޭނެތޯ ކަނޑައެޅިގެންދާނެ ކަމަށެވެ.

ކުނިކޮށީގައި މިހާރު ހުރި ހުރިހާ ކުންޏެއް ހުސްކުރުމަށް ފަހު ކުނިކޮށި ބަލަހައްޓަމުން ދަނީ އެންވަރުމަންޓް ޕޮޓެކްޝަން އެޖެންސީން (އެންޕީއޭ) ކަނޑައަޅާ އުސޫލެއްގެ މަތީން މާލެ ސިޓީން ކައުންސިލުން ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިޔާތުގައި އެންޕީއޭ އިން ކަނޑައަޅާ ގޮތެއްގެ މަތީން ކުނިކުށި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލާއި އެންވަޔަރުމަންޓް މިނިސްޓްރީއާ ދެމެދެ ވަނީ އެއްބަސްވެ، ސޮއިކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަތީންނެވެ.

ރަސްމިޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ މާލޭގެ ކުނިނައްތާލުމުގެ މައްސަލައަށް ހައްލެއް ގެނެވޭނީ ބޭރުގެ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށް ކުނި ކޮށީގެ ކުނި ހުސްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ވަރުގެ ވެހިކަލް ސާމާނު ނެތުން ކަމުގައި ވެސް މޭޔަރު ފާހަގަ ކުރެއްވެވި އެވެ.

ދެ ނަންބަރު ކުނިކޮށި ހުސްކުރުމުގެ އެމްޓީސީސީ އިން މަދާމާ ފައްޓައި ތިން ދުވަސް ތެރޭގައި މިހާރު ހުރި ހުރިހާ ކުންޏެއް ހުސްކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ދެ ނަންބަރު ކުނިކޮށިގައި މިހާރު ހުރި ކުނި އެއްކޮން ހުސްކުރުމަށް ފަހު އެއް ނަންބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަރަށް އަވަށް ހަވާލު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

މާލޭގައި ކުނިކޮށިތަކަށް އަޅާ ކުނިތައް ނައްތާލުމުގައި ބޭނުންކުރާ އުޅަނދުތައް ހަލާކުވެގެން ކުނިކޮށި ފުރިގެން ދާދި ފަހުން ވަނީ ބަންދުކޮށްފަ އެވެ.