24 Dec 2012, 18:03
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ހިންގި މީހަކު ޖަލަށް ލެވޭގޮތަށް ކަނޑައަޅައި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް" ކޮމެޓީން ފާސްކޮށްފި އެވެ.
ކޮމެޓީން ފާސްކޮށްފައިވާ ބިލްގައި ވާގޮތުގައި މަޖިލީހުގެ ޖަލްސާތައް އަޑުއެހުމަށާއި، ކޮމެޓީގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ ގެއަށް ވަނުމަށް ހުއްދަދެވޭ މެހްމާނުންގެ މެދުގައި، މަޖިލީހުގެ ނިޒާމަށް އުނިކަންލިބޭ ފަދަ އަމަލު ހިންގުމާ ހަމަނުޖެހުން ހިންގުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ އަމަލެއް ކަމުގައި ބުނެފައިވެ އެވެ. އަދި އެކުށުގެ އުގޫބާތަކީ 500ރ. އާއި 1000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށް އެ ބިލްގައި ބުނެފައި ވެއެވެ.
މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް، ގަސްތުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން 3000ރ. އާއި 10000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ބިލްގައި ވާގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ނަމަ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވިދާނެ އެވެ. އަދި ހައްޔަރު ކުރުމަށް ފަހު ލަސްނުކޮށް އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.
ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނޫންގޮތަކަށް މެންބަރުން ހައްޔަރު ކުރާ ނަމަ އެކަން ކުރަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓަކަށް ހުށަހަޅައިގެން އެ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. އަދި މެންބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި މެންބަރުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
އެ ބިލްގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުއީ ކޯޓަކަށް އަދި އެނޫން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މަޖިލީހުގެ އިދާރާގައި މެންބަރަކު ހުއްޓައި ޝަރީއަތަށް ހާޒިރުވުމުގެ ލިޔުމެއް މެންބަރަކާއި ހަވާލުކޮށްގެން ނުވާނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.
މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް ނުވަތަ ވަޒީފާގެ ބޭނުން ކޮށްގެން ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަކީ ވެސް ކުށެއްގެ ގޮތުގައި އެ ބިލްގައި ހިމަނާފައި ވެއެވެ.
ދިވެހިރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން މަޖިލީސް މެންބަރުންނަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތައް ދައްކަމުންދާތީ އެއީ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ގެންދަނީ ވާހަކަ ދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގަތް ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލާފަ އެވެ.