ދިއުދިއްލީ (ޑިސެމްބަރު 24): ރަޝިޔާގެ ޢަސްކަރީ ބަރުހަތިޔާރު އިންޑިޔާ އަށް ވިއްކުމަށާއި އިންޑިޔާއާ އެކު ދިފާޢީ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްޓަކައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ދިއުދިއްލީ އަށް ވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާ ބައްދަލުކުރައްވައިފި އެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ރައީސް ޕޫޓިންގެ އަރިހުގައި ރަޝިޔާގެ އިސްމަސްއޫލުވެރިންނާއި ކުންފުނިތަކުގެ އިސްވެރިންގެ ބޮޑު ވަފްދެއްވެސް ގެންދެވި އެވެ. ޕޫޓިންގެ މިދަތުރުފުޅުގެ އެޖެންޑާގައި ރަޝިޔާގެ ހަތިޔާރު އިންޑިޔާ އަށް ވިއްކުމާއި ދެގައުމުގެ ދިފާޢީ ގުޅުންތައް ބަދަހިކުރުމާބެހޭ ތަފާތު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ރަޝިޔާގެ އިންވެސްޓްމަންޓްތައް އިންޑިޔާގައި އިތުރުކުރުމާއި ވިޔަފާރިއާއި ކަތައާ ބެހޭ އެއްބަސްވުންތަކެއްގައި ވެސް ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ ކަމަށް އިންޑިޔާގެ ޚާރިޖިއްޔާ އިން ބުނެ އެވެ.

ރަޝިޔާއާއި އިންޑިޔާގެ ޑިޕްލޮމެޓިކް ދާއިރާތަކާ ޙަވާލާދީ ބީބީސީ ބުނާގޮތުން ޕޫޓިންގެ މިދަތުރުފުޅުގައި ރަޝިޔާގައި އުފައްދާ ސޮޚޮއި މަރުކާގެ ޢަސްކަރީ ފައިޓަރ ޖެޓްގެ 40 މަތިންދާބޯޓާއި ހަނގުރާމަތީ ހެލިކޮޕްޓަރުގެ 50 ހެލިކޮޕްޓަރުގެ އިތުރުން ބައެއް ސްޕެއާޕާޓްސް އިންޑިޔާ އަށް ފޯރުކޮށްދިނުމުގެ ހަތް ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ދެ ގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ އެވެ. ޕޫޓިން މިއަދު ހެނދުގެ ވަގުތެއްގައި ބޮޑުވަޒީރު މަންމޯހަން ސިންގް އާ ވަނީ ބައްދަލުކުރައްވާފަ އެވެ. މިރެއާއި މާދަމާ ޕޫޓިން އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީއާއި އިންޑިޔާގައި ވެރިކަންކުރާ ކޮންގްރެސްޕާޓީގެ ޒަޢީމާ ސޯނިޔާ ގާންދީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިދެ ބޭފުޅުންގެ އިތުރުން އިންޑިޔާގެ އިދިކޮޅު ބީޖޭޕީގެ ޒަޢީމާ ސުޝްމާ ސްވަރާޖް އާވެސް ޕޫޓިން ބައްދަލުކުރައްވުމަށްވަނީ ހަމަޖެހިފަ އެވެ.

އިންޑިޔާގެ މަޝްހޫރު ނޫހެއްކަމަށްވާ "ދަ ހިންދޫ" ބުނާ ގޮތުން ޕޫޓިންއާއި މަންމޯހަން ސިންގްގެ ބައްދަލުކުރެއްވުމުގައި އަފްޣާނިސްތާނުގެ މައްސަލައާއި ދެކުނު އެޝިޔާގެ މަސްރަޙާބެހޭ ގޮތުން ދެބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފަ އެވެ. އަދި އިންޑިޔާއަކީ ރަޝިޔާއަކީ ޒަމާންވީ ބައިވެރިއެއް ކަމަށާ އިންޑިޔާއާ ގުޅުންތައް ބަދަހިކުރުމަކީ ރަޝިޔާގެ ޚާރިޖީ ސިޔާސަތުގައި އިސްކަން ދެވިފައިވާ ކަމެއްކަމަށް އިންޑިޔާގައި ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވި ކަމަށް "ދަ ހިންދޫ" ބުނެއެވެ. (ބީ.ބީ.ސީ)