24 Dec 2012, 17:26
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސްވަންޒީ ސިޓީ ބައްދަލު ކުރި މެޗުގައި ޔުނައިޓެޑްގެ ޑަޗް ފޯވާޑް ރޮބިން ވެމްޕާސީ ވެއްޓިފައި އޮއްވާ ސުވަންޒީގެ ކެޕްޓަން އެޝްލީ ވިލިއަމްސް ފޮނުވާލި ބޯޅަޖެހިގެން ހިނގި ހާދިސާއަކީ ވެމްޕާސީއަށް ދިން "މަރުގެ އެތިފަހަރެއް" ގޮތަށް ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ސިފަ ކޮށްފި އެވެ.
"ވެމްޕާސީ ހާދިސާ" ހިނގީ މެޗުގެ 75 ވަނަ މިނިޓުގައި ޔުނައިޓެޑް އަނބުރާ މެޗުގެ ލީޑު ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގައި އިދިކޮޅު ޓީމުގެ ގޯލަށް ހަމަލާއެއް އުފައްދަން ވެމްޕާސީ އުޅެނިކޮށް ސުވަންޒީގެ ނަތަން ޑަޔާ ވެމްޕާސީއަށް އަށް ކުރި ފައުލް އަކާ ގުޅިގެން އޭނާ (ވެމްޕާސީ) ވެއްޓިފައި އޮއްވާ ގާތްގަނޑަކަށް ދެފޫޓެއްހާ ދުރުން ވިލިއަމްސް ފޮނުވާލި ބޯޅަ ވެމްޕާސީގެ ބޮލުގައި ޖެހިގެންނެވެ. އޭރު ރެފްރީ ވަނީ ޔުނައިޓެޑަށް ހިލޭ ޖެހުމަކަށް ކަށިގަނޑުވެސް ފުމެފައެވެ.
ދެން ފެނުނީ ވެމްޕާސީ ބޮލުގައި ބޯޅަ ޖެހުމާއެކު އައި ރުޅީގައި ފުންމައިގެން ތެދުވެ ވިލިއަމްސް އަށް ހަމަލާ ދިނުމަށް އުޅުނު މަންޒަރެވެ. އެހެން ނަމަވެސް ދެ ޓީމުގެ ކުޅުންތެރިން ވަނީ އެ ދެކުޅުންތެރިން ދުރުކޮށްފަ އެވެ.
މެޗަށްފަހު ބީބީސީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރެޑް ޑެވިލްސްގެ 'ރަތަށް' އަރާފައި ހުރި ކޯޗު ބުނީ ވެމްޕާސީ ސަލާމަތުން ހުރީ ނަސީބު ގަދަކަމުން ކަމަށެވެ.
"ވެމްޕާސީ ދިރިހުރިކަން އެއީ އޭނާގެ ނަސީބު. އެމީހުންގެ ކުޅުންތެރިޔާ އެކުރީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" ފާގަސަން ބުންޏެވެ.
ފާގަސަން އިތުރަށް ބުނީ މިއީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައިވެސް ދުއް އެންމެ ނުރައްކާތެރި ހާދިސާ ކަމަށާއި، 'ވެމްޕާސީ ހާދިސާ'ގައި ވިލިއަމްސް އަށް ބޮޑު އަދަބެއް އެފްއޭ އިން ދޭންޖެހޭނެ ކަމަށެވެ. މިގޮތުން އެ ކުޅުންތެރިޔާ ދިގު މުއްދަތަކަށް ސަންޕެންޑް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭނާ ވަނީ ރެފްރީ މައިކަލް އޮލިވާ އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
"އެންމެނަށްވެސް ވަރަށް ރީތިކޮށް ފެންނާނެ. ވެމްޕާސީ އަށްދިން ހަމަލާ އެއީ އޭނާގެ ކަނދުރާ ބިންދައިގެން ދާފަދަ އެތިފަހަރެއް. އެފްއޭ އިން ވިލިއަމްސް އަށް ބޮޑު އަދަބެއް ދޭން ޖެހޭނެ.
"އެއީ އޭނާ ގަސްތުގައި ކުރިކަމެއް. ރެފްރީ ވަނީ ކަށިގަނޑު ފުމެފަ. ކުޅުން އޮތީ ހުއްޓިފަ. އަދި އެކުޅުންތެޔާ މިއަމަލު ހިންގީ ރެފްރީގެ ކުރިމަތީގައި. އެއީ ވެމްޕާސީ މަރުވާ ފަދަ ނުރައްކާތެރި ހަމަލާއެއް،" ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ފާގަސަން ބުންޏެވެ.
މިހާދިސާއަށް ފަހު ރެފްރީ ވަނީ ދެކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފަ އެވެ. ހާދިސާ ފިނިކުރުމަށް އެ ވަގުތު މަސައްކަތް ކުރި ޔުނައިޓެޑްގެ ސްޓްރައިކަރު ވޭން ރޫނީ ބުނީ "އެއީ ހަމަ އާދައިގެ ކަމެއް. ރެފްރީ ކަށިގަނޑު ފުމެފަ އޮތީ. ޑިފެންޑަރު މަސައްކަތްކުރީ ބޯޅަ ސާފުކޮށްލަން. އެ ވަގުތު ބޯޅަ ގޮސް އޭނަގެ ބޮލުގަ ޖެހުނީ. އަހަންނަށް ހީވަނީ ރެފްރީގެ ނިންމުން ހަމަ ރަނގަޅު،"
ވިލިއަމްސް ވަނީ ފާގަސަންގެ އެ ތުހުމަތުތަށް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ގަސްތުގައި އެއްވެސް މީހަކަށް ހަމަލާ ދިނުމަށް އޭނާ މަސައްކަތް ނުކުރާ ކަމަށާއި ބޯޅަ ދުރަށް ފޮނުވާލަންވެގެން ޖެހުމުން ގޮސް ވެމްޕާސީގެ ބޮލުގައި ޖެހުނީ ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް މާފަށް އެދޭކަމަށް ވެސް ބުނެފައެވެ.
"އަހަރެންވެސް ޓީވީ އިން އެމަންޒަރު ދުށިން. އެއީ ފާގަސަން ދެކޭގޮތް. އަހަރެން ބޯޅަ ފޮނުވާލަން ވެގެން ޖެހީ. އެއީ ގަސްތުގައި ވެމްޕާސީގެ ބޮލުގައި ޖަހާކަށް ނޫން. އެކި މީހުން ދެކޭނީ އެކިގޮތަށް. އެވަގުތު އަހަރެން މާފަށް އެދެންވެސް މަސައްކަތް ކުރިން. އެކަމަކު އެހާ ވަގުތެއް ނުލިބުނު،" ވިލިއަމްސް ކިޔައި ދިވެނެވެ. "އަހަންނަށް އެނގޭ ވެމްޕާސީ ރުޅިއައީ ކީއްވެކަން. އަހަރެން ނަމަވެސް ބޮލުގައި ބޯޅައިން އެގޮތަށް ޖެހިއްޖިއްޔާ ރުޅި އަންނާނެ،"
އާއަހަރު ފެށޭއިރު ޔުނައިޓެޑާއި ވާދަވެރި މެންޗެސްޓާ ސިޓީގެ މެދުގައިވާ ފަރަގު ހަ ޕޮއިންޓުގައި ބޭއްވުމުގެ ފޮނި އުއްމީދާ އެކު ޔުނައިޓެޑް ކުޅުނުމެޗުގެ ފުރަތަމަ ހާފުގައި ޕެޓްރިސް އެވްރާ ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް އެ އުއްމީދުތައް ފެނަށް ދުއްވާލީ ސުވަންޒީގެ ހުނަރުވެރި ފޯވާޑް މިގުއެލް މިޗޫ ކާމިޔާބު ކޮށްދިން ލަނޑުން ނެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑާއި ސިޓީގެ ދެމެދުގައި ވަނީ ހަތަރު ޕޮއިންޓުގެ ތަފާތެވެ.