24 Dec 2012, 16:32
ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދޭ ލިވިން އެލަވަންސް އަސާސީ މުސާރައިގެ ބައެއްގެ ގޮތުގައި ހިމަނައި އަސާސީ މުސާރަ 62500ރ. އަށް ބޮޑުކުރަން ލަފާދީފައިވީ ނަމަވެސް އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައިވަނީ މެންބަރުންގެ ލިވިންއެލަވަންސްގެ ގޮތުގައި ދޭ 20،000ރ. އަސާސީ މުސާރައިގެ ބައެއްގެ ގޮތުގައި ހަމަޖައްސާ 62500ރ. އަސާސީ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމެޓީއަށް ލަފާދިނުމަށެވެ. އަދި ލިވިން އެލަވަންސް އުވާލުމަށްވެސް އެ ލަފާގައިވެ އެވެ.
އެ ލަފައާ މެދު މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހު ކޮމެޓީގެ އަގުލަބިއްޔަތުން ނިންމީ އަސާސީ މުސާރަ އާންމު ކޮމެޓީން ނިންމި ގޮތަށް ބޮޑުކުރަން ނުފެންނަ ކަމަށެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު މިއަދު ވިދާޅުވީ އެގޮތަށް ގިނަ މެންބަރުން ތާއީދު ކުރެއްވީ މިވަގުތަކީ އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރަކަށް ވާތީ އެގޮތަށް މުސާރައަށް ބަދަލުގެނައުމަކީ މިވަގުތައް ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަށެވެ. އާންމު ކޮމެޓީގެ ލަފައާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
މެންބަރުންގެ މިހާރުގެ އަސާސީ މުސާރައަކީ 42500ރ. އެވެ.
އާންމު ކޮމެޓީން އަސާސީ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ މަޖިލީހުގައި ނުފޫޒު ގަދަ ބައެއް މެންބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ އާންމު ކޮމެޓީން އަސާސީ މުސާރަ ބޮޑުކުރަން ނިންމީ މަޖިލީހުގައި މިހާރު އޮތް އިމްތިޔާޒުގެ ބިލް ފާސްވެއްޖެ ނަމަ މެންބަރުންނަށް ގިނަ އެލަވަންސްތަކެއް ހޯދުމަށް މަގުފަހި ކުރުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ކެލާދާއިރާގެ އަބްދުﷲ މައުސޫމްވެސް އެ ނިންމުމަށް ދެކޮޅު ހައްދަވަމުން ވިދާޅުވެފައިވަނީ އަސާސީ މުސާރަ ބޮޑުކުރުމުން ޕެންޝަން ފަންޑަށް ކެޑޭވަރު ބޮޑުވާ ކަމަށާއި އެ ނިންމުމުގެ ސަބަބުން މުސާރައަށްވެސް ބަދަލުތަކެއް ނާންނައިރު އެކަމުގެ ސަބަބުން ޕަބްލިކަށް ދެވެނީ ނުބައި މެސެޖެއް ކަމަށެވެ.