ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންނެވި ކަމުގެ ތުހުމަތުގައި ރައީސް ވަހީދުގެ މައްޗަށް އުފުލާފައިވާ އިމްތިޔާޒުގެ މައްސަލާގައި ބަހުސްގައި ހުށަހަޅުއްވާފައިވަނީ އެންމެ ހުށަހެޅުމެކެވެ. މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ވާތީ އެ މައްސަލަ އިމްތިޔާޒު ކޮމެޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.

އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެއްވުމުން ވޯޓްގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓް ދެއްވި އެ ހުށަހެޅުން ފާސް ނުކުރުމަށެވެ. އަދި 25 މެންބަރުން އެ ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވިއިރު ވަކިކޮޅަކަށް ވޯޓް ނުދެއްވާ މެންބަރަކު އިންނެވި އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލާގައި ބުނަނީ ރައީސް ޑރ. ވަހީދު ގއ. ދާއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް އެ ދާއިރާގެ ރަށަކަށް ވަޑައިނުގެންނެވޭގޮތަށް އެ ދާއިރާގެ ރައްޔިތުން އަމަލު ކުރުމަށް އަމުރު ކުރައްވައި ގޮވާލައްވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް އެމަނިކުފާނު މަޖިލީހާ ދިމާ ކުރުމަށް އެކިގޮތްގޮތުން ވާހަކަފުޅުދައްކަވާފައިވާ ކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައިބުނެ އެވެ.

ގައުމީ ހަރަކާތުގެ ނަމުގައި ހިންގާ ސިޔާސީ ހަރަކާތުގެ އިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަހަތުން ފަހާދުވުމަށާއި ރައްޔިތުންގެ މަޖިލިސް ފުނޑާލުމަށް ގޮވާލާ ހަރާކާތު"ގެ އަޑީގައި ހުންނެވީ ރައީސް ޑރ. ވަހީދު ކަމަށް ޖާބިރު ތުހުމަތު ކުރައްވާފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މިއަމަލު ފުޅުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ބިރުވެރިކަމާއި ނުރައްކަލާ ކުރިމަތިލާންޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުޅި އިމްތިޔާޒަށް އަރައިގަތުން ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 153 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މުޅި މަޖިލީހުގެ އިމްތިޔާޒްގެ މައްސަލަ،" ޖާބިރު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.