ދެކުނުގެ ހަތަރު އަތޮޅުގައި 1500 ހައުސިން ޔުނިޓް އަޅަން ޗައިނާގެ އެގްޒިމް ބޭންކުން 982،500،000 ޔުއާން ރެންމިންބީ (154.3 މިލިއަން ޑޮލަރު ނުވަތަ 2.4 ބިލިއަން ރުފިޔާ)ގެ ލޯނު ނެގުމުގެ ހުއްދަ ދީފައިވާ މަޝްރޫއަށް ބަދަލު ނުގެންނަން މަޖިލީހުން ފާސްކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި ގެރެންޓީތަކުން ލިޔުންތައް ކޮމެޓީން މަޖިލީހަށް ފޮނުވުމުން އެ ލޯންތަކަށް ގަނޑުކޮށް ވަނީ މަޖިލީހުން ރުހުން ދީފައިވާ ކަމަށް މަޖިލީހުގެ ޔައުމިއްޔާއިން އެނގެ އެވެ. އެދުވަހު ނެގި ވޯޓްގައި ލޯނުތައް ނެގުމަށް 38 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އެއްވެސް މެންބަރަކު ލޯނު ނެގުމާ ދެކޮޅެއް ނަހައްދަވަ އެވެ.

ނަމަވެސް އެ ލޯނުތަކުގެ ތެރެއިން ޗައިނާގެ އެގްޒިމް ބޭކުން ނަގާ 154.3 މިލިއަން ޑޮލަރުގެ މަޝްރޫއަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމަވައި އެ ލިޔުންތައް ވަނީ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން ދެކުނުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދެ ބައިކުޅަށް އެއްބައި ހުޅުމާލޭގައި އެޅުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމެޓީގެ އެ ރިޕޯޓް ފާސް ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޖަލްސާއަށް ހާޒިރުވި 66 މެންބަރުންގެ ތެރެއިން ދެކޮޅަށާއި އެއްކޮޅަށް ވޯޓް ދެއްވި މެންބަރުންގެ އަދަދު 33 އެއްވަރުވި އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގައި ނަގާ ވޯޓެއް އެއްވަރުވުމުން ދެން ވޯޓް ދެއްވާނީ ރިޔާސަތުގައި އިންނަވާ ބޭފުޅެކެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ދެއްވީ ލޯނުގެ މަޝްރޫއަށް ބަދަލު ނުގެނައުމަށެވެ.

"މަޖިލީހުގެ ރިޔާސަތުން މިކަމުގައި ވޯޓް ދޭން ބަލާއިރު، މިކަމަކީ މަޖިލީހުން ވަކި ގޮތަކަށް ފާސްކުރައްވާފައި އޮތް ކަމެއް. އެހެން ކަމުން މަޖިލީހުން މިކަމުގައި ކުރިން ފާސްކޮށްފައިވާ ފާސް ކުރުމަށް ރިޔާއަތްކޮށް، މަޖިލީހުގެ ރިޔާސަތުން ވޯޓް ދެނީ ނުފެންނަ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގޮތުން ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުގެ އެ މަޝްރޫއަށް އިތުރު ބަދަލެއް ނާންނާނެ އެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ނިންމަވާފައިވާ ގޮތައް ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅުގައި 1500 ހައުސިން ޔުނިޓްތަކެއް ބިނާކުރަން ޖެހޭނެ އެވެ.

ލޯނުގެ ދަށުން ހައުސިން ޔުނިޓް އަޅާ ހަތަރު އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދު އާއި ފުވައްމުލަކާއި ގއ. ވިލިނގިލިއްޔާއި ގދ. ގައްދު އާއި ގދ. ތިނަދު އާއި ގދ. ހޯޑެއްދު އާއި ގދ. މަޑެވެއްޔެވެ.

އެގްޒިމް ބޭންކުން ނަގަން ހުށަހެޅި ލޯނަކީ 20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯނު ފައިސާ އެކީ ހަރަދުކޮށް ނިމުމުން ގްރޭސް ޕީރިއަޑްގައި އަހަރަކު 17.74 މިލިއަން ޔުއާން (2.3 މިލިއަން ޑޮލަރު ނުވަތަ 35.5 މިލިއަން ރުފިޔާ) އިންޓަރެސްޓްގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެ އެވެ. ލޯނު ދައްކާ ނިންމަން ޖެހޭ އަހަރު ކަމުގައިވާ 2033 ވަނަ އަހަރާ ހަމަޔަށް 183.14 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަންޖެހޭނެ އެވެ.