24 Dec 2012, 15:34
މާލޭގައި ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން އަހަރެއް ތެރޭގައި 5.90 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ އިންފުލޭޝަންގެ މިންގަނޑު ބަލައި އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް ]ސީޕީއައި[ އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ އިންފްލޭޝަން ރޭޓް، އޭގެ ކުރީ 12 މަސް ދުވަހާ އަޅާބަލާ އިރު 5.90 މައްޗަށް ގޮސްފައި ވަނީ ވައިގެ ދަތުރުފަތުރުތަކުގެ ބައިންނާއި ރެސްޓޯރެންޓް އަދި ކެފޭތަކުގެ ބައިންނާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ހިފައިގެންގުޅޭ ސާމާނާއި އެއްގަމު މަހުގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން ލިޔެކިއުމަށް ބޭނުންކުރާ ސާމާނުންގެ އަގުތައް މައްޗަށް ދިއުމުންނެވެ.
އަގުތައް އެންމެ މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާއިރު ވައިގެ ދަތުރުފަތުރުތަކުގެ ބައިން 13.32 ޕަސެންޓް މަތިވެފައިވާއިރު ރެސްޓޯރެންޓް އަދި ކެފޭތަކުގެ ބައިންވަނީ 8.08 ޕަސެންޓް މަތިވެފަ އެވެ. އަދި ތަރުކާރީގެ ބާވަތްތަކުގެ ބައިން 5.18 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި ހިފައިގެންގުޅޭ ސާމާނުގެ ދާއިރާއިން 2.49 ޕަސެންޓް އިތުރުވެފައިވާއިރު އެއްގަމު މަހުގެ ބާވަތްތަކުން ވަނީ 2.45 ވަނީ މަތިވެފަ އެވެ. އަދި މޭވާގެ ބާވަތްތަކުގެ ތެރެއިން ވަނީ 1.70 ޕަސެންޓް އުފުލިފަ އެވެ.
ދެން އެންމެ ބޮޑަށް އަގުތައް އުފުލިފައި ހުރީ ދުންފަތާއި ދުމުގެ އަގުތައް ވަނީ 42.09 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފުލޭޝަން މަތިވެފައިވާއިރު ރާއްޖޭގެ ތަކެތީގެ އަގުތައް ބޮޑުވި މިންވަރު އޮކްޓޯބަރު މަހު 0.04 ޕަސެންޓަށް މައްޗަށް ޖެހި މިދިޔަ އަހަރު އޮކްޓޫބަރު މަހުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށްވެސް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 9.15 ޕަސެންޓް މަތިވެފަ އެވެ.