24 Dec 2012, 14:46
އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމަށް އެންމެ މަދުވެގެން ވެސް 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ބަޖެޓްގައި ހިމެނެން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަދީބު ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ކުރި މަތިވި އެކި ގޮންޖެހުންތަކާ އެކު އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރު ކުރުމަށް ބުރަ މަސައްކަތަކަކާއި ގިނަ ހަރަދުތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމަށް އެކަށީގެންވާ ބަޖެޓެއް ލިބެން ޖެހޭ ކަމަށެވެ.
"ކޮމެޓީގެ ސަމާލުކަމަށް ވެސް އަޅުގަނޑުމެން އެކަން ގެނެސްފައި ވާނީ. ރާއްޖެ އަށް އަހަރަކު 1.7 ބިލިއަން ޑޮލަރު އެކި ގޮތްގޮތުން މި ސިނާއަތުން ވަންނަ އިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 200 މިލިއަން ރުފިޔާ އެކަން އިޝްތިހާރުކުރަން ބަޖެޓް ކުރުމަކީ ވެސް އަސްލު މަދުވަރެއް. ކޮމެޓީގައި ވެސް ދަންނަވާފައި އޮންނާނީ އެންމެ ކުޑަކޮށް ވެސް 15 މިލިއަން ޑޮލަރު ހަމަޖައްސައިދިނުމަށް،" އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާގެ ޓޫރިޒަމް ކުރިއަރަމުން އައި ނަމަވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށާއި ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަކީ ލަންކާއަށް ޒިޔާރަތްކުރާ ފެންވަރުގެ ޓޫރިސްޓުން ނޫންކަމަށެވެ. އަދި އެކަމާ ރާއްޖެ އިން ކަންބޮޑުވާން އަދި ނުޖެހުނު ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމާ އަދި ކަންބޮޑުވާން ނުޖެހުނަސް އަޅުގަނޑުމެން އެބަޖެހޭ މާކެޓިން ވަރުގަދަ ކުރަން. ލަންކާ އިން އަދި މާބޮޑަށް މެނޭޖްކުރެވިގެނެއް ނޫން މިގެންދަނީ. އެހެންވީމާ އެމީހުން އެގޮތަށް އަޅުގަނޑުމެންނާ ވާދަކުރަން މަސައްކަތް ކުރަމުންދާއިރު ދެން ޖެހޭނީ އަޅުގަނޑުމެންގެ މާކެޓިން ވަރުގަދަކުރަން. އެކަމަށް އެކި ވިސްނުންތައް ނެރުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ،" އަދީބު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓް ފޮނުވި އިރު ކަނޑައަޅާފައި ވަނީ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ޓޫރިޒަމް ޕްރޮމޯޝަންގެ ގޮތުގައި ހިމެނުމަށެވެ. އަދި މި އަހަރަށް 4.5 މިލިއަން ޑޮލަރު އިޝްތިހާރު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާކެޓަށް ވާސިލުވުމުގެ އުންމީދު އަދިވެސް ނުގެއްލޭ ކަމަށާއި ދިމާވި ގިނަ ގޮންޖެހުންތަކާ އެކު ވެސް ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އަދަދު މިދިޔަ އަހަރަށް ވުރެ ރަނގަޅުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖެއަށް ޒިޔާރަތްކުރި ވަރު ޑިސެމްބަރު ނިމުމާ އެކު އިއުލާންކުރާނަން. ޓާކެޓަށް ވާސިލްވެވުނު ވަރުވެސް އިއުލާން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނޮވެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 3.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 85,501 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު މިއަހަރު ޒިޔާރަތްކޮށްފައި ވަނީ، ކުރީ އަހަރަށް ވުރެ 3190 މީހުން މަދުކޮށް، 82,311 ޓޫރިސްޓުންނެވެ.