24 Dec 2012, 14:08
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން 10،000ރ. އަށް ވުރެ ގިނަ ރުފިޔާ ގެއްލުމުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގު މިއަދު ވިދާޅުވީ އެ އިދާރާ އިން ފައިސާތަކެއް ގެއްްލުނު މައްސަލައެއްގެ އިތުރުން އިތުރު އެހެން މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި އެއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލަށް ފާހަގަކުރެވިގެން ހުށަހަޅިފައިވާ މައްސަލަތަކެއް ކަމަށެވެ.
"ދިހަހާސް ރުފިޔާގެ މައްސަލައަކާއި އިތުރު އެފަދަ ބައެއް މައްސަލަތަކެއް ވެސް އެބައުޅޭ. އެ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހެޅިފަ،" ސޯބެ ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެެއް ސޯބެ ނުދެއްވަ އެވެ. އަދި ވިދާޅުވީ މިވަގުތަކީ ފުލުހުން އެ މައްސަލަތައް ބަލަމުން އަންނަ ވަގުތެއް ކަމަށާއި އެކަމުގެ ތަފްސީލެއް ދެއްވައިފި ނަމަ ތަހުގީގަށް ހުރަސްއެޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހާޅާފައިވާ އައްޑޫ ސިޓީ ކައުންސިލުން ބުނި ނަމަވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.