24 Dec 2012, 13:47
އއ. ރަސްދޫގައި ކުރިއަށްދާ "އިލްޝާ އއ. އަތޮޅު ކަޕު 2012" ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޓީމު ހޮވަން އިއްޔެ ހަވީރު ރަސްދޫ ދަނޑުގައި ރަސްދޫ އާއި ތޮއްޑޫ ބައްދަލުކުރި މެޗު ފަހެއް ސުމަކުން ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ރަސްދޫ ޓީމު ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލުގައި ހިމަންދޫ އާއި މާޅޮސް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45ގައި ރަސްދޫ ދަނޑުގަ އެވެ.
އއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަލީ ސަމީރު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުބާރާތުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ކުރިއަށް ދާކަމަށާއި، މިއަދުގެ މެޗު ބަލާލުމަށްޓަކައި ހިމަންދޫ އާއި މާޅޮހުން ގާތްގަނޑަކަށް ހަތްސަތޭކަ އެއްހާ ސަޕޯޓަރުން ރަސްދުއަށް އަންނާނެ ކަމަށެއެވެ.
"މުބާރާތުގެ ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް. މިއަދުގެ ފައިނަލް މެޗު ބަލާލުމަށް ހިމަންދޫއާއި މާޅޮހުން ގާތްގަނޑަކަށް ހަތްސަތޭކަ ކުޅިބެލުންތެރިން އަންނާނެ ކަމަށް ލަފާ ކުރެވޭ،" ސަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ 2000 ވަރަކަށް މީހުން ކުޅިބަލަން ރަސްދޫ ދަނޑަށް ވާންނާނެ ކަމަށް ލަފާކުރާ އިލްޝާ އއ. އަތޮޅު ކަޕު 2012ގެ ފައިނަލު މެޗު ވީޓީވީން ލައިވް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.