އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ފޯވާޑެއް ހޯދުމުގެ މަސައްކަތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ފަށައިފި އެވެ.

މާޒިޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންނަ ސީޒަނަށް ކުލަބުން ބޭނުންވާ ވަރުގެ ސްކޮޑެއް މިހާރު ވެސް އެކުލަވާލެވުނު ކަމުގައި ވިޔަސް، އިތުރު ތިން ކުޅުންތެރިއަކު ގެނައުމުގެ މަސައްކަތް ކުލަބުން ވަނީ ފަސާފައި ކަމަށެވެ. އެއީ ރާއްޖޭގެ ދެ ކުޅުންތެރިންގެ އިތުން ބިދޭސީ ފޯވާޑެއް ކަމަށެވެ.

"މިވަގުތު ކުލަބުގައި އޮތް ސްކޮޑާ މެދު ވަރަށް ހިތްހަމަޖެހޭ. އެކަމަކު ވަރަށް އަވަހަށް ބިދޭސީ ފޯވާޑަކާއި ދިވެހި ދެކުޅުންތެރެއިކު ޓީމާ ގުޅޭނެ. ދިވެހި ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ވަރުގަދަ ޑިފެންޑަރެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާގެ ފަރިތަކުރުންތައް އަންނަ މަހުގެ ކުރީ އަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މި އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަން ހޯދި މާޒިޔާއިން، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެކުލަބުން ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއްގެނެސްފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ވިކްޓަރީއަށް މިސީޒަންގައި ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި ހަމަ އެޓީމަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) އާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން އާދަމް އިމްރާނާއި ވީބީ އައްޑޫ އެފްސީގެ ހުސެއިން ޝުއައިބާއި ހަމަ ޓީމުގެ އަލީ ނާފިއު (ކަޅޭ) އަދި ވިކްޓަރީގެ ބަދަލު ކީޕަރު ނިސާހު އާދަމް ހިމެނެ އެވެ.

އަންނަ ސީޒަންގައި ވެސް މާޒިޔާގެ ކޯޗަކަށް އިސްމާއިލް މަހެފޫޒް (އިންމަ) ހަމަޖައްސައިފައިވާ އިރު، މާޒިޔާ ވާނީ އަންނަ އަހަރުގެ އޭއެފްސީ ކަޕު ޖާގަ ހޯދައިފަ އެވެ. އެގޮތުން އެ މުބާރާތުގައި މާޒިޔާ ލައްވާލާފައި ވަނީ ގްރޫޕް ޖީ ފަޅީގައެވެ. އަދި ގްރޫޕްގައި މާޒިޔާ ދެކޮޅަށް ވާދަކުރާނީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.