އެމެރިކާ އިން އިސްތިއުމާރުކޮށްފައިވާ އަފްޣާނިސްތާނަށް ގޮސް އުޅުނު އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރަކަށް އެގައުމުގެ ފުލުހުންގެ ތެރޭގައި އުޅޭ އަންހެނަކު ބަޑިން ހަމަލާދީ މަރާލައިފި އެވެ.

އަފްޣާން ސަރުކާރުގެ އޮފިޝަލުންނާއި އެގައުމުގައި ތިބޭ ނޭޓޯ ސިފައިންގެ އޮފިޝަލުން ބުނީ އެޑްވައިޒަރު މަރާލީ ކާބުލްގެ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ކަމަށެވެ.

އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެމެރިކާ ސިފައިންގެ ތެރޭގައި އުޅެފައިވާ އޮފިޝަލް މަރާލީ ފުލުހުންގެ މަރުކަޒުގެ ތެރޭގައި އޮތް ރަސްމިއްޔާތެއްގައި ހުއްޓައި ކަމަށް ނޭޓޯއާއި އަފްޣާން އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

އެމައްސަލައިގާ އަފްޣާނިސްތާނުގެ ޕޮލިސް ޖެންޑާ އީކުއަލިޓީ ޓީމްގެ (އަންހެން) މެމްބަރެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އެކްސިޑެންޓެއްތޯ ނުވަތަ ގަސްދުގައި ކުރިކަމެއްތޯ ބެލުމަށް މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ކާބުލްގެ ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު އަމީން ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ޕޮލިސް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ވެރިޔާ މުހައްމަދު ޒާހިރު އެ ހާދިސާ ސިފަކުރައްވާފައި ވަނީ "އިންސައިޑާ އެޓޭކް" (ސަލާމަތީ ބާރު ތަކުގެ އެތެރެއިން ދޭ ހަމަލާ) އެއްގެ ގޮތުގަ އެވެ. މިއީ އެފަދަ ކަމަކަށް ވެއްޖެ ނަމަ، މިހާދިސާ ވެގެންދާނީ އަފްޣާނިސްތާނުގެ އަންހެނަކު ހިންގި މިފަދަ ފުރަތަމަ ހާދިސާއަށެވެ. ( އަލްޖަޒީރާ)