24 Dec 2012, 11:59
މާލޭ ސިޓީ ކައުންސިލުން ބިލުތައް ނުދައްކައިގެން ފޯނާއި އިންޓަނެޓް ކަނޑާލިތާ މިއަދާ ހަމައަށް ފަސްދުވަސް ހަމަވާއިރު އަދިވެސް ބިލްތައް ނުދެއްކޭ ކަމަށް އެ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ އިންޓަނެޓާއި، ފޯނުބިލްތައް ނުދައްކާތާ ގިނަދުވަސްތަކެއް ވެފައިވާތީ ވަގުތީ ގޮތުން ޚިދުމަތް ކަނޑާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސުޖާއު ސަން އަށް ރޭ ވިދާޅުވީ އިއްޔެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާ ސިޓީ ކައުންސިލުން ބައްދަލު ކުރި ކަމަށާއި، މިއަދު ބިލްތައް ދެއްކޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވީ ބިލްތައް ނުދެއްކި އިތުރަށް ލަސްވާނަމަ އެހެން ގޮތަކުން ފައިސާ ދައްކައިގެންވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ދުވަސް ތެރޭ ބިލްތައް ނުދެއްކިއްޖެ ނަމަ ބިލްތަކަށް ފައިސާ ދައްކާނީ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީން އަކުން ކަމަށްވެސް ވިދާޅުވި އެވެ.
ސުޖާއު އިތުރަށް ވިދާޅުވީ އެކި ބޭނުންތަކުގައި ދުވާލަކު 800 އަށްވުރެ ގިނަ ފޯންކޯލް އަންނަ ކަމަށާއި ފޯނާއި ނެޓުގެ ޚިދުމަތް ކެނޑިފައިވާތީ ރައްޔިޔުންނަށްނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެދުވަހެއްގެ ތެރޭގައި ބިލްތައް ޚަލާސް ނުކުރެވިއްޖެ ނަމަ ދެން އެކަން ކުރާނި ލިބޭ އާމްދަނީ އަކުން. އަޅުގަނޑުމެންގެ ސިސްޓަމް ތެރެއިން އަސްލު އެކަމެއް ނުކުރެވޭނެ. އެކަމަކު އިތުރު އެހެން ގޮތެއް ދެނެއް ނެތް. އެ ހިސާބަށް ހިނގައްޖެއްޔާ އެއީ ވަރަށް ލަދު ހުތުރު ކަމެއް. އެކަމަމު ކޮންމެ ގޮތަކުންވެސް ޚިދުމަތް ފޯރު ކޮށްދޭން އަޅުގަނޑުމެން ބޭނުންވަނީ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޯނާއި ނެޓްގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ގިނަ ބަޔަކު ކައުންސިލަށް އައިސް މައްސަލަ ޖައްސާ ނުރުހުން ފާޅުކޮށްވެސް ހަދާ ކަމަށެވެ. ސިޓީ ކައުންސިލުން ދިރާގަށް ނުދައްކާ ވަނީ ހަތަރު މަސްދުވަހުގެ ބިލެވެ. އެ ކައުންސިލުން ބުނެފައިވަނީ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ފޯނާއި ފެކްސް އަދި އިންޓަނެޓްގެ ހިދުމަތްތައް ކަނޑާލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ކަރަންޓް ބިލްތައް ނުދައްކައިގެން އެ ކައުންސިލުން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ނޯޓިސްވެސް ފޮނުވި އެވެ. އޭރު ފިނޭންސުން ބުނެފައިވަނީ ބިލްތަކަށް ފައިސާ ނުދެއްކުނީ ދައުލަތުގައި ފައިސާ ދެއްކޭ ވަރުގެ މާލީ ތަނަވަސްކަން އޭރުނެތުމުން ކަމަށެވެ.