24 Dec 2012, 11:52
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަށެއް ސުމަކުން އެސްޓަން ވިލާ ބަލިކޮށް ޗެލްސީ ތާވަލުގެ ތިންވަނަ އަށް އެނބުރި އަތުވެއްޖެ އެވެ.
ޕްރިމިއާ ލީގުގެ މެޗެއްގައި ފުރަތަމަ ފަހަރަށް އެއް ޓީމުގެ ހަތްކުޅުންތެރިން ލަނޑު ޖެހިރެކޯޑް ހެދި މިމެޗްގައި ޗެލްސީގެ ފެނާންޑޯ ޓޮރޭޒް، ޑޭވިޑް ލުއިޒް، ބްރަނިސްލޮވް އިވަނޯވިޗް، ފްރޭންކް ލަމްޕާޑް، އެމްބޯބާ އޮސްކާ، އެޑެން ހެޒާޑް މިއިން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އިރު ނަސިމެންޓޯ ރަމިރޭޒް ދެ ގޯލް އެވެ.
ރޭގެ މެޗުގައި ޗެލްސީ އިން އިދިކޮޅު ގޯލަށް 24 ހަމަލާ ފޮނުވާލާފައިވާ އިރު 18 ހަމަލާ ގޯލާ ދިމާކޮށް އޭގެތެރެއިން އަށް ހަމަލާ ވަނީ މަންޒިލަށް ވާސިލު ކޮށްފަ އެވެ. އެސްޓަން ވިލާ އަށް ޖުމުލަ ހަތް ހަމަލާ އުފެއްދުނު ގޯލަށް އަމާޒު ކުރެވުނީ ހަތަރު ހަމަލާ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ކެޕްޓަން ބޭންޑުގައި ނުކުތް ފްރޭންކް ލަމްޕާޑް، 34، ޕްރިމިއާ ލީގުގައި އޭނާ ކުޅޭ 500 ވަނަ މެޗު ފާހަގަކުރި އިރު އޭނާ ވަނީ ރޭގެ މެޗުގައި ޖެހި ލަނޑާ އެކު 130 ލަނޑު ކާމިޔާބުކޮށް ޗެލްސީ އަށް މިހާތަނަށް ޓޮޕްފްލައިޓްގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ބޮބީ ޓެމްބްލިންގެ 129 ގޯލްގެ ރެކޯޑް ވެސް މުގުރާލާފަ އެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް. ހާއްސަކޮށް މި ރެކޯޑް ތައް" ލަމްޕާޑު ބުންޏެވެ. "ޓީމަށް އައި ހުރިހާ ކޯޗުންނާއި ބައިވަރު ކުޅުންތެރިންނާ އެކު މިފަދަ ބޮޑު ޓީމަކަށް މިހާ ގިނަ މެޗުތައް ކުޅުމަކީ އަހައްނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. ބޮބީ ޓެމްބްލިން ފަދަ ޗެލްސީގެ ވަރުގަދަ ޝަހުސިއްޔަތެއް ގާއިމް ކޮށްފައިވާ ލަނޑުޖެހުމުގެ ރެކޯޑް ލިބުމުން އަހަރެން ފަހުރުވެރިން،"
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ އޭނާގެ ޓީމު އުންމީދުކުރާ ފެންވަރަކަށް މިހާރު ކުޅެން ފަށައިފި ކަމަށެވެ.
"ޓީމުން އެ ދެއްކީ ހައިރާން ވާފަދަ ކުޅުމެއް. އަހަރުމެން އަބަދުވެސް ކިޔަމުން މިއަންނަނީ ޓީމުގެ ވިސްނުން ބަދަލުކޮށް ރަނގަޅަށް ތައްޔާރުވާން. ހަމަލާތައް އުފައްދައި ހަމަލާދީ، ފުރުސަތުތަކުތަކުގެ ބޭނުން ހިފަން. އަދި ރަނގަޅަށް ޑިފެންސްކޮށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން. މިއަދު ފެނިގެން މިދިޔައީ އެކަންތައް،" ބެނިޓޭޒް ބުންޏެވެ.
ވިލާގެ ކޯޗު ޕައުލް ލަމްބާޓް ބުނީ ޗެލްސީއާ ދެކޮޅަށް އޭނާގެ ޓީމު ދެއްކީ ގަބޫލު ކުރެވޭ ފަދަ ކުޅުމެއް ނޫން ކަމަށެވެ.
"މެޗު ފެށުނީއްސުރެން ނިމެންދެން ހިތި ގޮތަކަށް އަހަރުމެން ބަލިވަމުން ދިޔައީ. ކުޅުންތެރިން ވެސް މިކަން ގަބޫލު ކުރާނެ،" ލަމްބާޓް ބުންޏެވެ.
މިއީ އެސްޓަން ވިލާ މިފަދަ މެޗެއްގައި ބަލިވި އެންމެ ބޮޑު ބައްޔެވެ. ރޭގެ މޮޅާ އެކު ޗެލްސީ ވަނީ ތާވަލުގެ ހަތް ވަނައިން ތިން ވަނަ އަށް ރުޖޫއަ ވެފަ އެވެ.
އިނގިރޭސި ލީގުގައި ރޭ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ޔުނައިޓެޑައި ސުވާންޒީ ބައްދަލު ކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމު އެއްވަރު ވެގެން ނެވެ.
ޔުނައިޓެޑަށް މެޗުގައި ލަނޑު ޖަހައި ދިނީ މެޗުގެ 16 ވަނަ މިނިޓުގައި ރޮބިން ވެމްޕާސީ ނަގައިދިން ކޯނަރަކުން ޕެޓްރިސް އެވްރާ އެވެ. މެޗުގެ ނަތީޖާ ސުވާންޒީ އަށް ހަމަހަމަ ކޮށްދިނީ 29 ވަނަ މިނިޓުގައި އެޓީމުގެ ހުނަރުވެރި ފޯވަޑް މިގުއެލް މިޗޫ އެވެ.
ރޭގެ ނަތީޖާއާ އެކު ތާވަލުގެ އެއްވަނައިގާ ޔުނައިޓެޑް އޮތީ 43 ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގާ މެންޗެސްޓާ ސިޓީ އޮތީ 39 ޕޮއިންޓު ހޯދައިގެން ނެވެ. ޗެލްސީ އަށް ތިންވަނަ ލިބެނީ 32 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނަގާ އޮތީ 30 ޕޮއިންޓާ އެކު އާސެނަލް އެވެ.