24 Dec 2012, 11:47
ހާލުދެރަވި މާބަނޑު އަންހެނަކާއި ތުއްތު ކުއްޖަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްޑީއެފް ބުނީ ނ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނެއް ހާލުދެރަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގައި މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ.
އުމުރުން 22 އަހަރުގެ އެ އަންހެން މީހާ އަވަސްގޮތަކަށް މާލެ ގެނެސްދިނުމަށް ނ. އަތޮޅު ހޮސްޕިޓަލުންނާއި އެ އަތޮޅު ކައުންސިލުން ނޮދަން އޭރިއާގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑުން މިއަދު މާލެ ގެނެސްފައި ވަނީ ހެނދުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އަންހެން މީހާ މާލެ ގެނައުމަށް ފަހު އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް އެފަރާތުން ވަނީ ބުނެ ފަ އެވެ.
މީގެ އިތުރުން ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި އޮތް ހަތް މަހުގެ ކުޑަކުއްޖަކު ހާލުދެރަވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ އިން އެ އަތޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ރޭގައި ވަނީ ގެންގޮސްފަ އެވެ.
ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގައި ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެ ކުއްޖަކީ ހުންގަދަވެ، ނޭވާ ހިއްލުމަށް އުނދަގޫވަމުން ދިޔަ އަންހެން ކުއްޖެއް ކަމަށާއި އެ އެކުއްޖާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި އޮތް ހާލުދެރަ މާބަނޑު އަންހެނަކު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހޯީތެރިކަމާ އެކު މިދިޔަ ހުކުރު ދުވަހު ވެސް މާލެ ގެނެސްދީފަ އެވެ.