އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒް ކޮށްގެން ބާއްވާ "ޔޫތު ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިކުރާނެ 10 ޓީމުގެ ނަންތައް މިއަދު އިއުލާން ކުރާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާނެ 10 ޓީމުގެ ނަންތައް މިއަދު އިއުލާން ކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 12 ޓީމަކުންނެވެ.

ގިނަވެގެން 10 ޓީމަށް ވާދަކުރެވޭ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ އަފުތާގެ ބުރާސްފަތި ދުވަހުގެ 2:30ގެ ނިޔަލަށް ހަމަވި އިރު، މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފަސްޓް ޑިވިޒަންގެ އަށް ޓީމާއި އަތޮޅު ތެރެއަށް ނިސްބަތްވާ ތިން ޓީމުގެ އިތުރުން، މިފަހަރުގެ ތިން ވަނޑިވިޒަންގެ ފައިނަލްގައި ކުޅުނު ކްލަބް ގްރީންސްޓްރީޓެވެ.

މުބާރާތުގައި ބައިވެރި ވުމަށް ފޯމް ހުށައެޅި ފަސްޓު ޑިވިޒަންގެ އަށް ޓީމުގެ ތެރޭގައި ހިމެނެނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަތޮޅު ތެރެއިން ފޯމް ހުށަހެޅި ތިން ޓީމަކީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.

އެފްއޭއެމް އިން ބުނީ، ޖުމްލަ 10 ޓީމަށް ބައިވެރި ވެވޭގޮތަށް ހަދާފައިވާ ގަވާއިދުގެ މަތިން، ފޯމް ހުށަހެޅި ފަސްޓު ޑިވިޒަންގެ އަށް ޓީމަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އޮތް އިރު، 10 ޓީމް ހަމަ ކުރުމަށް ނަގާ ދެ ޓީމުގެ ތެރެއިން ފުރުސަތު ލިބޭނީ އަތޮޅު ތެރެއިން ބައިވެރިވި ތިން ޓީމުގެ ތެރެއިން ގައިވާއިދުގައި ބުނެފައިވާ ގޮތަށް އެންމެ ރަނގަޅު ދެ ޓީމަށް ކަމަށެވެ.