އިންޑިއާގެ އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ސިންގް، އިންޑިއާގެ އަންހެނުންގެ ރައްކާތެރިކަމާ މެދު ވައުދުވެޑައިގެންފައި މިވަނީ ދިއްލީގެ މަގެއްގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް، އުމުރުން 23 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގާ އެގައުމުގައި ވަރުގަދަ މުޒާހަރާތައް ކުރަމުންދާތާ ހަފުތާއެއްހާ ދުވަސްވީއިރު ހަނު ހުންނެވުމަށް ފަހު އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅު ވުމަށް ފަހު ރައްޔިތުން ސުލްހަވެރިކަން ދެމެހެއްޓުމަށް ގޮވާލައްވާފައިވާ ކަމަށެވެ.

"މި ޚުތޫރަތްތެރި ވަގުތުގައި އޭނާ (ރޭޕްކުރެވުނު ޒުވާނާ) އަށާއި އޭނާގެ އާއިލާ އަށް އަހަރެމެން އެންމެން ދުއާ ކުރަމާ ހިނގާ. މުޒާހަރާކުރި މީހުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމުން އަހަރެންނަށް ވަނީ ފުން ހިތާމަ ލިބިފައި. ކަންބޮޑުވެފައިވާ ހުރިހާ ރައްޔިތުން ވެސް ސުލްހަ ދެމެހެއްޓުމަށް އަހަރެން އެދެން. މިގައުމުގެ ހުރިހާ އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން އަހަރެން ތިޔަ އެންމެންނަށް ޔަގީންކޮށްދެން،" ސިންގް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ބޮޑު ވަޒީރު ސިންގްގެ ވައުދާ އެކު އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގެ ފިޔަވަޅުތައް ވެސް އަޅަން ފަށާފަ އެވެ. އެގޮތުން އެކަމަށްޓަކައި ކުރަންވީ ކަންތައްތަކާ މެދު ސަރުކާރަށް ލަފާ ދޭނެ ތިން މެމްބަރުންގެ ކޮމިޝަނެއް ވަނީ އެކުލަވާލާފަ އެވެ.

ދަ ހިންދޫ ނޫހުން ބުނީ ކޮމިޝަނުގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޖޭއެސް ވަރުމާ ކަމަށާއި އަނެއް ދެ މެމްބަރުންނަކީ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޖަސްޓިސް ލަލިތާ ސެތުއާއި ކުރީގެ ސޮލިސިޓާ ޖެނެރަލް ގޯޕާލް ސުބްރަމާނިއަމް ކަމަށެވެ.

ދިއްލީގެ މަގުމަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އުމުރުން 23 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގާ ބަސް ޑްރައިވަރާއި އިތުރު ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން ގޮވަމުން ދަނީ ކުށްވެރިންނަށް އަވަހަށް އަދަބުދީ، އަނިޔާ ލިބުނު ޒުވާނާ އަށް އިންސާފު ހޯދައި ދިނުމަށާއި އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށެވެ.