ބައިނަލްއަގްވާމީ އެންމެ މަތީ މަޖިލީސް ކަމަށްވާ އދ.ގައި ރައީސް މުހައްމަދު ވަހީދު ހަސަން ގެންދަވަނީ މުޅި އިސްލާމީ އުއްމަތުގެ ދިފާއުގައި ވަކާލާތު ކުރައްވަމުން ކަމަށް ޝެއިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ 23 ޑިސެމްބަރު އިއްތިހާދަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ވަހީދު ގެންދަވަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާއި ފަލަސްތީނު ދައުލަތުގެ ދިފާއުގައި ވެސް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރައްވަމުން ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް ފުރައްސާރަކޮށް ތައްޔާރުކުރި ފިލްމާ ދެކޮޅަށް އދ.ގެ އެންމެ މަތީ މަޖިލީހުގައި ސާބިތުވެ ހުންނަވާ ވަކާލާތު ކުރެއްވި ކަމީ އެ މަނިކުފާނު އިސްލާމް ދީނަށް ލޯބިކުރައްވާ މިންވަރު އިސްލާމީ ގައުމުތަކަށް ހާމަވި ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ރާއްޖެ އިން ވޯޓު ދިން އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާތީ މުޅި އިސްލާމީ އުއްމަތް އެމަނިކުފާނަށް ޝުކުރުވެރިވާ ކަމަށެވެ.

"އދ. ފަދަ ބައިނަލްއަގްވާމީ އެންމެ މަތީ މަޖިލީހުގައި ފަލަސްތީނާއި ފަލަސްތީނުގެ މުސްލިމުންނާއި ދައުލަތުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވި. ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ތައްޔާރުކުރި ފިލްމާ ދެކޮޅަށް މުޅި ދުނިޔޭގައި އަޑު އުފުއްލެއްވި. އެކަން ކުށްވެރި ކުރެއްވި. އެހެންކަމުން އެމަނިކުފާނުގެ ހިތްޕުޅުގައި އިސްލާމް ދީނަށް އޮތް ލޯބި މުޅި ދުނިޔެ އަށް ހާމަވެއްޖެ. އެމީހުން އެކަން ފާހަގަ ކުރޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ވަހީދު އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުއްލެވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންތައް ކުރެއްވީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ. އެގޮތުން ވިދާޅުވީ މަސްޖިދުލް އަގްސާ އަށް އަނިޔާވެރިވަމުން ދިޔަ ޔަހޫދީ ދައުލަތާއި ދިވެހި ދައުލަތާ ގާތް ގުޅުމެއް ބާއްވަން ނަޝީދު ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމާ އެ މަނިކުފާނު ހިތާމަފުޅު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދު މުސްލިމުންނަށް ބަހައްޓަވާ ގާތްކަމުގެ ސަބަބުން މީގެ ކުރިއާ ޚިލާފަށް އިސްލާމީ ގައުމުތަކާ އޮތް ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ. އަދި އިސްލާމީ ދައުލަތްތަކާ ވަރަށް ގާތުން މިހާރު މަސައްކަތް ވެސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ މާތް މިސްކިތް ކަމަށްވާ އަލް މަސްޖިދުލް އަގްސާ އަށް އަނިޔާވެރިވެ އެތަނަށް ގެއްލުން ދެމުންދިޔަ ޔަހޫދީ ދައުލަތަކާއި ރާއްޖެއާ ގާތް ގުޅުމެއް ނަޝީދު ބެހެއްޓެވި،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ވަހީދު ކުރިން ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ހައްގުގައި އެމަނިކުފާނުގެ ސަރުކާރުން ކޮންމެ ކަމެއް ކުރައްވަން ޖެހިވަޑައި ގަތަސް އެކަމެއް ކުރައްވާނެ ކަމަށެވެ. އެހެން ވިދާޅުވި ފަހުން މިހާތަނަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ހަށިވިއްކާ ތަންތަން ހޯދާ އެކަމުގެ ބައިވެރިން ޝަރީއަތުގެ ކުރިމައްޗަށް ގެނެސްފަ އެވެ. އަދި ގިނަ އަދަދަކަށް ބަނގުރަލާއި މަސްތުވާ ހިކި ބާވަތްތަށް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.