ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ރޮބަޓް ޖޯސެފް ބެކަމް، 37، (ޑޭވިޑް ބެކަމް) އާއި އަންހެނުން ވިކްޓޯރިޔާ ކެރޮލިން ބެކަމް، 38، (ވިކްޓޯރިއާ ބެކަމް) އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފި އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އަދި ފެންވަރު ރަނގަޅު އެއް ރިސޯޓުގައި 11 ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާ ބެކަމްގެ މިދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު (6.3 މިލިޔަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ދަ ސަންގައިވެ އެވެ.

އެ ދެމަފިރިންގެ ހަތަރުކުދިން ކަމަށްވާ ހާޕާ ބެކަމް އާއި ބްރޫކްލީން ބެކަމް އާއި ކްރަޒް ބެކަމް އަދި ރޯމިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހަމަޖެހިފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައި ކަމަށް އެ ނޫސްބުނެ އެވެ.

ބެކަމް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ހުރުމަށް ހިފާފައިވަނީ ލިބެންހުރި އެންމެ އަގުބޮޑު ހޮޓާ ކަމަށް ވެއެވެ. އެއީ ރެޔަކަށް 8600 ޕައުންޑް ނުވަތަ މިނިޓަކަށް 6 ޕައުންޑުގެ ރޭޓުން ނެވެ. މީގެ އިތުރުން ވެސް ބެކަމްވަނީ އިތުރު ތިން ކޮޓަރި، ކޮންމެ ތަނަކަށް ރެޔަކަށް 3700 ޕައުންޑުގެ ރޭޓުން ހިފާފަ އެވެ. މާނައަކީ އޭނާ ހިފާފައިވާ ކޮޓަރިތަކުގެ ބިލަށް ވެސް 217000 ޕައުންޑް އަރާނެ އެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިޔާ ވަނީ ޕްރިސްޓަން ނޯތް އެންޑް، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، މިލާން ގެ އިތުރުން އެމެރިކާގެ ލަ ގެލެކްސީ އަށް ކުޅެފަ އެވެ. އެލްއޭ ގެލެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަ ވުމާއެކު ބެކަމް މިހާރު ވަނީ ފުޓް ބޯޅައިގެ އެހެން މަންޒިލަކަށް ދިއުމުގެ މަސައްކަތް ފަށައިފަ އެވެ.

ވިކްޓޯރިއާ ބެކަމް އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ވިޔަފާރި ވެރިއެއްގެ އިތުރުން ޑިޒައިން ކުރުމާއި މޮޑެލް ކުރުން އަދި ލަވަކިޔުމުގެ ހުނަރުގައި ވެސް އަރާ ހުރި ތަރި އެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ނުވަދިހައިގެ ފަހު ކޮޅުގައި މަޝްހޫރުވި އަންހެން މިއުޒިކު ގްރޫޕް "ސްޕައިސް ގާލްސް" އިންނެވެ.

ސަން އޮންލަނުން މި ޚަބަރާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް ވަން އެންޑް އޮންލީ ރީތި ރަށަށް ގުޅާ ލުމުން އެތަނުގެ ހިޔުމަން ރިސޯސް ޑިޕާޓުމަންޓުން ބުނީ އެރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި ބެހޭ މައުލޫމާތު މީޑިޔާ ތަކާ ހިއްސާ ނުކުރާ ކަމަށެވެ.