27 Sep 2010, 06:46
ބިޔަ ޕްރޮޖެކްޓެއްގެ ދަށުން ލ. ގަމުގައި ޔުނިވާސިޓީއަކާއި މެޑިކަލް ކޮލެޖެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖްތަބާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައިވާ އެންމެ ބޮޑު ރަށުގައި ހަދާ ޔުނިވާސިޓީ އާއި މެޑިކަލް ކޮލެޖާއި ބެހޭ ގޮތުން ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގަމުގެ ތިން އަވަށުގެ ރައްޔިތުންނާ މަޝްވަރާކޮށްގެން އެކަމަށް ބޭނުންވާ ބިން ގަމުން ފާހަގަ ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން އަންނަ މި ޕްރޮޖެކްޓަކީ ވަރަށް ބިޔަ ޕްރޮޖްކެއް ކަމަށާއި އިންޑިޔާގެ ޔުނިވާސަލް އެމްޕަޔާ ގްރޫޕްގެ މި ޕްރޮޖެކްޓަކީ 250 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށެވެ.
"މިއަދަދަށް އިންވެސްޓްކުރަނީ 10 އަހަރު ދުވަހުގެ ތެރޭގައި، މި ޕްރޮޖެކްޓާ ގުޅިގެން އެ ފަރާތުން ހުށަހަޅާ ކަންކަމާމެދު ސަރުކާރުން ދަނީ ވާހަކަ ދައްކަމުން،" މުޖްތަބާ ވިދާޅުވި އެވެ.
ޔުނިވާސަލް އެމްޕަޔާއިން ހުށަހަޅަނީ ކޮން ކަންތައްތަކެއްތޯ ދެންނެވުމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މުޅި ޕްރޮޖެކްޓްގެ ތަފުސީލުތައް އާންމު ކުރުމަށް އަދި ތަންކޮޅެއް އަވަސް ކަމަށެވެ.
ޔުނިވާސަލް އެމްޕަޔާ ގްރޫޕަކީ 1996 ވަނަ އަހަރު އުފައްދައި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ސިއްހަތާއި ތައުލީމުގެ ހިދުމަތްދޭ އިންފްރާސްޓްރަކްޗާ ބިނާކޮށްދޭ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޖެކްޓްތައް މެދު އިރުމައްޗާއި އޭޝިޔާގެ ގައުމުތަކުގައި ހިންގަ އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޔުނިވާސިޓީ އާއި މެޑިކަލް ކޮލެޖް ގަމުގައި އަޅަން ނޭޝަނަލް ޕްރައިވެޓައިޒޭޝަން ކުންފުނިން ހުއްދަ ދީފައިވާ ކަމަށާއި އަމަލީ މަސައްކަތް މިއަންނަ އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ.