24 Dec 2012, 09:50
ޤާހިރާ (ޑިސެމްބަރ 24): މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީ އަށް ރައްޔިތުން އާބަސް ބުނި ކަމަށް މިކަމާ ބެހޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިން ދެއްކީ އޮޅުވާލުމެއްގެ ތެރެއިން ކަމަށްބުނެ ވޯޓުގެ ނަތީޖާ ގަބޫލުނުކުރާނެކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ދީފި އެވެ.
މިސްރުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުންމުސްލިމީން ޖަމާއަތަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް މުޙައްމަދު މުރުސީގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީތައް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަނުން އިއްޔެ ބުނީ އާ ދަސްތޫރުގެ ދެލިކޮޕީއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށާއި މިމައްސަލަ ކޯޓަށް ވައްދާނެ ކަމުގަ އެވެ. އަދި އާ ދަސްތޫރު ބަދަލުކުރުމަށް މަގުމަތީގައި ވަރުގަދަ ޙަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ވެސް އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅެއް ކަމަށްވާ ޙަމްދީން ސަބާޙީ ވިދާޅުވި އެވެ. މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީއާ މެދު ރައްޔިތުންދެކޭ ގޮތް ބެލުމަށް ދެފަހަރެއްގެ މަތިން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިން 64 އިންސައްތަ މީހުން އެ ދެލިކޮޕީ އަށް ތާއީދުކުރާކަންވަނީ ހާމަވެފަ އެވެ. ނަމަވެސް މުރުސީއާ އިދިކޮޅު ފަރާތްތަކުން ވަނީ މިވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ވޯޓުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދަމުންނެވެ.
އެހެންކަމުން މިސްރުގައި އުފެދިފައިވާ ސިޔާސީ ގަޑުބަޑުތަކަށާއި ހަމަނުޖެހުންތަކަށް ކައިރި މުސްތަޤްބަލެއްގައި ޙައްލެއް ފެންނަން ނެތްކަމަށް މުރާސިލުން ބުނެ އެވެ. މިސްރުގެ އިދިކޮޅު ޕާޓީތައް ގުޅިގެން މުރުސީގެ އިޚްވާނުލްމުސްލިމީން ޖަމާއަތާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން ބުނަނީ މުރުސީ އަކީ ވެސް ކުރީގެ ރައީސް ޙުސްނީ މުބާރަކް ފަދައިން މިސްރުގައި ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގަ އެވެ. އަދި އިޚްވާނުން މަސައްކަތްކުރަނީ އެޖަމާއަތުގެ އަމިއްލަ ސިޔާސީ ފަލްސަފާއާއި އެޖަމާއަތުން ގެންގުޅޭ ދީނީ ފިކުރާއެއްގޮތަށް މުޅި މިސްރު ބައްޓަން ކުރުމަށް ކަމަށާ އާދަސްތޫރު ބިނާކޮށްފައި ވަނީ އެފުރްސަތު އިޚްވާނުންނަށް ލިބިދޭ ގޮތަށް ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެ އެވެ.
މުބާރަކްގެ ވެރިކަމުގައި އޭނާގެ ވެރިކަމާ ދެކޮޅަށް ނުކުތް ފަރާތްތަކާއި މުބާރަކަށް ތާއީދު ކުރާ ފަރާތްތައް ގުޅިގެން މިހާރު ސަފުހަދާލާފައި ވަނީ ވެރިކަންކުރާ އިޚްވާނުންނާ ދެކޮޅަށެވެ. އަދި އިސްލާމީ ޚިޔާލުގެ މުޙައްމަދު މުރުސީއަކީ ކުރީގެ ރައީސް ޙުސްނީ މުބާރަކް ފަދަ ޑިކްޓޭޓަރެއް ކަމަށް ބުނެ މުބާރަކަށް ތާއީދު ކުރާ ފަރާތްތަކާއި އިޚްވާނުންނާ ވާދަވެރި ޖަމާއަތްތައް ގުޅިގެން ގެންދަނީ މުރުސީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)