24 Dec 2012, 09:45
ލަންޑަން (ޑިސެމްބަރ 24): އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ އަދަޔާ ޚިލާފު ފިންޏާއި ސްނޯގެ ސަބަބުން ދުވާލަކު އެވްރެޖްކޮށް 270 މީހުން މަރުވަމުންދާ ކަމަށް އެގައުމުން ހާމަކޮށްފި އެވެ.
އިނގިރޭސި ސިއްޙީ ދާއިރާތަކުން ބުނި ގޮތުގައި ފިނީގެ ސަބަބުން 1500 އަށް ވުރެ ގިނަ މީހުން ހަފްތާއެއްގެ ތެރޭގައި މަރުވެފައިވާ އިރު މީގެތެރޭގައި ގިނައީ ގެދޮރު ނެތުމުގެ ސަބަބުން މަގުމަތިވެ ޕޭމަންޑްތަކުގައި ނިދާމީހުންނާއި ހީޓަރު ބޭނުންކުރުމުގެ މާލީ ތަނަވަސްކަންނެތް ފަގީރުންނެވެ. ގެތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ މީހުން ފިނީގެ ސަބަބުން ވަރަށް އަވަހަށް ޙާލުބޮޑުވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވޭފަހުންނާއި ގޭތެރޭގައި ވެސް އެފަދަ މީހުން ފިނީގެ ސަބަބުން މަރުވާ ކަމަށް އިނގިރޭސި ހޮސްޕިޓަލްތަކުން ހާމަކުރެ އެވެ.
ލަންޑަންގައި ނުކުންނަ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ދަ ސަން" ބުނި ގޮތުގައި ގިނަ މީހުންގެ ހަށިތައް ފިިންޏަށް ބަލިވަނީ ފިނި މޫސުމުގައި އިރުމަތީ ފަރާތުން ޖެހޭ އަދާޔާ ޚިލާފު ފިނި އަދި ބާރުގަދަ ވައިގެ ސަބަބުންނެވެ. މިވައި އިނގިރޭސި އާންމުން ސިފަކުރަނީ "އިރުމަތީ ފަރާތުން އަންނަ ފުރޭތަ"ގެ ގޮތުގަ އެވެ. އިނގިރޭސިވިލާތުގައި ގެދޮރުނެތި މަގުމަތިވެފައިވާ މީހުންގެ ޢަދަދު ތިން މިލިޔަނަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެގެންއުޅޭ އިގްތިސާދީ ދަތިތަކާގުޅިގެން ވަޒީފާ ނެތް މީހުންގެ ޢަދަދު އިތުރުވެ ފަގީރުންގެ ނިސްބަތް ވެސްވަނީ މީގެ ހައެއްކަ އަހަރާ އަޅާބަލާ އިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިނގިރޭސި ބަޖެޓް ކުޑަކުރުމުގެ ސަބަބުން ޢާންމުންނަށް ހިލޭ ފޯރުކޮށްދޭ ވެލްފެއާގެ ޚިދުމަތްތައް ވެސް ވަނީ ކުރިއާއަޅާބަލާ އިރު ކުޑަކޮށް ހަނިކޮށްފަ އެވެ.
އަދި ހުނަރުވެރި ތަޢުލީމީ އިނގިރޭސި ޒުވާނުން ވެސް ވަޒީފާ ހޯދުމަށް މިހާރު ގައުމު ދޫކޮށް ހިޖްރަކުރަނީ ގަލްފުގެ ޢަރަބި ގައުމުތަކާއި އޭޝިޔާގެ ގައުމުތަކަށެވެ. އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކުގައި މިދުވަސްވަރު ފިނި ހޫނުމިން މައިނަސް ހަތަކަށް ދަށްވެފައިވާ އިރު ގޭތެރެ ހޫނުކުރުމަށް ބޭނުންވާ ގޭހުގެ ބިލް ދެއްކުމުގެ މާލީ ގާބިލްކަންނެތް ފަގީރުންގެ އަދަދު ހަތަރު މިލިޔަނަށް ވުރެ ގިނަކަމަށް އިނގިރޭސި މަސްއޫލުވެރިއެއް ކަމަށްވާ ޕްރޮފެސާ ސާލީ ޑިފީޒް ވިދާޅުވި އެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)