ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން ތިން އެއާޕޯޓެއްގެ ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ނިންމައި އެ އެއާޕޯޓްތައް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސް ސެކްޝަނުން އިއުލާންކޮށްފައިވަނީ ލ. ކައްދޫ އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓާއި އަދި ގއ. ކޫއްޑޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިމަހު 30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އީއައިއޯ ހުށަހަޅާއިރު އެ ކުންފުނީގެ ގާބިލްކަމާއި ކުންފުނީގެ މާލީ ގާބިލްކަމާއި އަދި ކުންފުނީގެ އިސްމެނޭޖްމަންޓްގެ މައުލޫމާތުތައް ހުށަހަޅަންޖެހެ އެވެ.

އެ ތިން އެއާޕޯޓްގެ ތެރެއިން ވަކި އެއާޕޯޓެއް ނޫނީ ހުރިހާ އެއާޕޯޓެއް ހިންގުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ވަނީ މިނިސްޓްރީން ހުޅުވާލައިފަ އެވެ.

ސަރަހައްދީ ހަ އެއާޕޯޓެއް އަންނަނީ އެކި ސަރަހައްދުތަކުގައި އޮޕަރޭޓްކުރަމުންނެވެ. އެގޮތުން ފުވައްމުލަކު އެއާޕޯޓް އެސްޓީއޯއިން އޮޕަރޭޓްކުރާއިރު ދަރަނަވަންދޫ އެއާޕޯޓް އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ. އަދި ހދ. ހަނިމާދޫ އެއާޕޯޓް އޮޕަރޭޓް ކުރަނީ ސަރުކާރުންނެވެ. އެ ތިން އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެއްނުވެ އެވެ.
މި ސަރުކާރު ހަވާލުވިތާ ކުރީކޮޅު ސަރަހައްދީ ހުރިހާ އެއާޕޯޓެއް ހިންގަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކުރުމުގެ ވާހަކަތަކެއް ދެކެވުނެވެ.