ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ނަޒީހު ކުރިޔަށް އޮތް ސީޒަންގައި ވީބީ އައްޑޫ އެފްސީއާ އެކު މަސައްކަތް ކުރުމަށް ނިންމައިފި އެވެ.

ވީބީ އައްޑޫ އެފްސީގެ މެނޭޖަރާ އެކު މިވަގުތު އއ. ރަސްދޫގައި ހުރެގެން ސަން އޮންލައިން އަށް ފޯނުން ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ވީބީ އައްޑޫ އެފްސީއާ އެކު މަސައްކަތް ކުރުމަށް އޭނާ ނިންމާފައި ވާކަމަށާއި އެކަމަކު އެއީ 21 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވާ ޒުވާން ޓީމާ އެކު ކަމަށެވެ. އަދި ޓީމުގެ މެނޭޖްމަންޓުން އޭނާއަށް އެފުރުސަތު ދީފައި ވާކަމަށްވެސް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ސީޒަންގައި 21 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޓީމުގެ ކޯޗު ކަމާއި ހަވާލުވެ މިވަގުތު މިހުރީ. އަދި ވަކި މުއްދަތެއްވެސް އަގެއްވެސް ފައިނަލެއް ނުވޭ. އެކަމަކު ކުރިއަށް އޮތް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިމޭނެ ކަމަށް މި އުއްމީދު ކުރަނީ،" ނަޒީހު ބުންޏެވެ.

ހުސްވި ސީޒަންގައި ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ސަސްޕެންޑް ކުރުމާއި ގުޅިގެން ވިކްޓަރީގެ ވަގުތީ ކޯޗުކަމުގައި ހުރެގެން އެޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިން ތަޖުރިބާ ކާރު ކޯޗު ބުނީ ކުރިއަށް އޮތް ސީޒަނުގައި ވީބީގެ ސީނިއާ ޓީމުގެ ކޯޗުކަމާއި ވެސް ހަވާލުވުމުގެ ވާހަކަ މެނޭޖްމަންޓާއި ދެކެވެމުން އެބަ އަންނަ ކަމަށާއި އެހެން ނަމަވެސް އަދި އެކަން އެއްކޮށް ހަމަ ނުޖެހޭ ކަމަށެވެ.

"ސީނިއާ ޓީމާއި ހަވާލު ވުމުގެ ވާހަކަތައްވެސް މިދަނީ ދެކެވެމުން. އެކަން ނިންމާނީ ޓީމުގެ މެނޭޖްމަންޓުން. މިވަގުތު އަޅުގަނޑާ ހަވާލުވެފައި މިވަނީ 21 އަހަރުން ދަށުގެ ޓީމު މުބާރާތަށް ތައްޔާރު ކުރުން،" ނަޒީހު ބުންޏެވެ.

ވީބީއަށް ކުރިއަށް އޮތް ސީޒަނަށް ކުޅުންތެރިން ހޯދުމާއި ބެހޭގޮތުން ނަޒީހު ބުނީ؛ "ސީނިއާ ޓީމަށް ކުޅުންތެރިން ހޯދަމުން މިދަނީ. އެގޮތުން ފަސްޓު ޑިވިޒަންގެ ބައެއް ޓީމު ތަކަށް ކުޅޭ ޒުވާން ކުޅުންތެރިން ކޮޅެއް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ސީނިއާ ޓީމު އެކުލަވާލާނީ ޖޫނިއާ ޓީމުގެ ހަތަރެއް ނުވަތަ ފަސްވަރަކަށް ކުޅުންތެރިން ހިމަނައިގެން. ޓީމަށް ކުޅުންތެރިން ހޯދުމަށް އަޅުގަނޑުގެ ލާފާ ހޯދާ" ކަމަށެވެ.

މީގެ އިތުރުން ވީބީގެ އޮފިޝަލަކު ސަންއަށް މައުލޫމާތު ދިންގޮތުގައި ކުރިއަށް އޮތް ސީޒަނުގައި ވީބީއަށް ކުޅެން ބޭނުންވާ އަތޮޅު ތަކުގެ ކުދިންނަށް އެޓީމާ ގުޅުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލައިފަ އެވެ.