ކެބިނެޓުގެ ކޮންމެ މިނިސްޓަރަކަށް އަންނަ އަހަރުގެ ތެރޭގައި 12500 ރުފިޔާގެ އިންޝްއަރެންސް ޕްރިމިއަމް ޕެކޭޖެއް ހަމަޖެއްސުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން މިއަދު ދީފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވާ މިއަދު މިނިސްޓްރީތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ އެ މިނިސްޓަރަކު ނިސްބަތްވާ މިނިސްޓްރީއެއްގެ ބަޖެޓުން އަންނަ އަހަރުގެތޭގައި މިނިސްޓަރުންގެ ފިރިން ނޫނީ އަބިންނަށް އަދި 18 އަހަރު ނުފުރޭ ކުދިންނަށް އިންޝުއަރެންސް ޕެކޭޖް ހަމަޖެއްސުމުގެ ހުއްދަ ދީފައިވާ ކަމަށާއި ރާއްޖެ އާއި އާސިއާންގެ ގައުމުތައް އަދި ސާކު ގައުމުތަކުގައި އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ އިންޝްއަރެންސް ޕެކޭޖް ހަމަޖައްސަން ވާނީ އެލައިޑް އިންޝުއަރެންސުން ކަމަށްވެސް ސާކިއުލާގައިވެ އެވެ.

މިނިސްޓަރަކަށް މަހެއްގެ މައްޗަށް މުސާރަ އާއި އިނާޔަތްތަކަށް 57500ރ. އާއި ކާރާއި ބޮޑީގާޑުންވެސް ލިބިވަޑައިގަންނަވަ އެވެ. ކެބިނެޓްގައި ޖުމްލަ 14 މިނިސްޓަރަކު ތިއްބަވަ އެވެ. އެހެން ކަމުން މަހެއްގެ މައްޗަށް މިނިސްޓަރުންގެ އިންޝުއަރެންސަށް އެކަނިވެސް 175،000ރ. ހަރަދުވާނެ އެވެ.

މިނިސްޓަރުންގެ އިތުރަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް ޕްރައިވެޓް ކުންފުނިތަކުން އިންޝުއަރެންސް ޕެކޭޖްތައް ވަނީ ހަމަޖައްސައިފަ އެވެ. އެޕޭކްޖްތައް ފާސްކުރަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ.

މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ އިނާޔަތްތަކާ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

ރައީސް އާއި ނައިބު ރައީސް ނުލައި ސިޔާސީ މަގާމުތަކުގައި 134 ބޭފުޅަކު ތިއްބަވާއިރު އެބޭފުޅުންގެ މުސާރައާއި އިނާޔަތްތަކަށް މަހެއްގެ މައްޗަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.