ސޯލް (ޑިސެމްބަރު 23): މި މަހުގެ 12 ވަނަ ދުވަހު އުތުރުކޮރެޔާއިން ކާމިޔާބުކަމާއެކު ތަޖްރިބާކުރި ދުރުރާސްތާގެ މިސައިލަކީ 10 ހާސް ކިލޯމީޓަރުގެ އިންޓަކޮންޓިނެންޓަލް މިސައިލެއްކަމަށް އަވަށްޓެރި ދެކުނު ކޮރެޔާއިން ލަފާކޮށްފި އެވެ.

ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާ މަސްއޫލުވެރިއަކު މިއަދު ވިދާޅުވީ އުތުރުކޮރެޔާ އިން ތަޖްރިބާކުރި މިސައިލުގައި 10 ހާސް ކިލޯމީޓަރުގެ ރާސްތާ ހުންނާނެކަން ޖާސޫސީ ތަހްލީލުތަކުން ދައްކާކަމުގަ އެވެ. މީގެމާނައަކީ އެމެރިކާގެ އައްސޭރި ފަށަށް ފޯރާވަރުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން އިތުރުކޮރެޔާ ހޯދާފައިވުން ކަމުގަ އެވެ. އަދި އުތުރުކޮރެޔާގެ މިސައިލަކީ 500 ކިލޯގްރާމާއި 600 ކިލޯގްރާމުގެ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެއް ކަމަށް ބެލެވޭ ކަމަށް ވެސް ދެކުނު ކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާ ކާމިޔާބުކަމަށް އެގައުމުގެ ހަތުރުން ކަމަށްވާ ޖަޕާނާއި އެމެރިކާވެސް އެއްބަސްވެފައިވެ އެވެ. ނަމަވެސް އުތުރުކޮރެޔާ ބުނެފައިވާގޮތުން އެޤައުމުން މިމަހުގެ 12 ވަނަ ދުވަހު ކުރި ތަޖްރިބާއަކީ ފަޒާއަށް ސެޓަލައިޓެއް ފޮނުވުމުގެ ތަޖްރިބާއެކެވެ. ދުރުރާސްތާގެ މިސައިލް ތަޖްރިބާއެއްނޫނެވެ. މިގޮތުން ފަޒާގެ ރޮކެޓެއް ބޭނުންކޮށްގެން ޖައްވަށް ފޮނުވާލީ "ކްވާންގް މިޔޮންގް ސުންގް 3-2"ގެ ނަމުން ނަންދެވިފައިވާ މޮނިޓަރިން ސެޓަލައިޓެއް ކަމަށާ އެސެޓަލައިޓް ބިމުގެ ވަށައިގެންވާ އޯބިޓެއްގައި ބަރާބަރަށް ދަތުރުކުރަމުންގެންދާ ކަމަށް އެގައުމުން ބުނެފައިވެ އެވެ.

މިކާމިޔާބު ތަޖްރިބާ އުތުރުކޮރެޔާ ކޮށްފައި ވަނީ ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ދެފަހަރެއްގެ މަތިންކުރި މަސައްކަތް ނާކާމިޔާބު ވުމަށްފަހުގަ އެވެ. އުތުރުކޮރެޔާގެ ރައީސް ކިމް ޖޮންގް އުންވަނީ އެ ސެޓަލައިޓް ތައްޔާރުކޮށް ޖައްވަށް ފޮނުވާލުމުގައި ބައިވެރިވި އެގައުމުގެ ސައެންސްވެރިންގެ ޝަރަފުގައި ޚާއްސަ ޙަފްލާއެއް ބާއްވަވައި ސައެންސްވެރިންނަށާއި އެމީހުންގެ ހިއްވަރަށް ތާރީފު ކުރައްވައި އެމީހުންނަށް އައްޑަނައާއި މެޑެލް ދެއްވާފަ އެވެ.

އެމެރިކާއާއި ޖަޕާންފަދަ ބޮޑެތި ގައުމުތަކުގެ ފިއްތުންތަކަށާއި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ގޮންޖަހާލުމަށް ފަހު މިފަދަބޮޑު ޢިލްމީ މަސައްކަތެއް ކާމިޔާބު ކުރެވުމަކީ އުތުރުކޮރެޔާ ސައެންސްގެ ރޮނގުގައި ކުރިއަރާފައިވާ މިންވަރު ދުޝްމަނުންނަށް ހާމަވެގެން ދިޔަކަމެއް ކަމަށް ވެސް ރައީސް ކިމް ޖޮންގް އުން ސިފަކުރައްވާފައިވެ އެވެ. (ބީ.ބީސީ)