23 Dec 2012, 22:14
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރަށް ކެމްޕޭން ކުރުމަށް 250 މީހުންގެ ވޮލަންޓިއަރުން އޭނާ ނަންގަވައިފި އެވެ.
އުމަރު މިރޭ ވިދާޅުވީ ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ 300 މީހުންނަށް ދައުވަތު ދެއްވައިގެން ރޭ ރާންބާ ރެސްޓޯރަންޓްގައި ބޭއްވި ހަފްލާއެއްގައި ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް 250 މީހުން ވޮލަންޓިއާ ކޮށްފައިވާ ކަމަށެވެ. އަދި ކެމްޕޭން ފެށުމަށް ހަމަޖެހިފައި ވަނީ ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސްގެ މަގާމުން އޭނާ ވަކިވާ ދުވަސް ކަމަށްވާ އަންނަ މަހުގެ 19 ވަނަ ދުވަހު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ އެހެނިހެން ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމާ އެކު ރިޔާސީ އިންތިާޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އޭނާއާ އެކު ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުގެ ބޮޑެތި މަގާމުތަކެއް ދެއްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މާތްﷲ އިރަދަކުރެއްވިއްޔާ އަޅުގަނޑު ޕްރައިމަރީ ކާމިޔާބު ކުރާނަން. އަޅުގަނޑުގެ ވެރިކަމެއްގައި އަބްދުﷲ ޔާމީނަށް ވެސް ވަރަށް ރަނގަޅު އުސް މަގާމުތައް ލިބިވަޑައިގަންނަވާނެ. ޔާމީނަކީ ކޮންމެހެން ވެސް އަޅުގަނޑުގެ ސަރުކާރުގައި ބައިވެރި ކުރާނެ މީހެއް،" އުމަރު ވިދާޅުވި އެވެ.
ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް ޕްރައިމަރީ ކާމިޔާބު ކުރާ ބޭފުޅަކާ އެކު ޕީޕީއެމް އަށް ރިޔާސީ އިންތީޚާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވާ އިރު އޭނާއާ ވާދަކުރައްވާ ޔާމީން ވިދާޅުވެފައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. އަދި ޕްރައިމަރީގެ ސަބަބުން ޕީޕީއެމް ބައިބައިވެގެން ނުދާނެ ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެ އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެެވެ. އަދި ޑީއާރްޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރިޔާސީ ރޭހުގައި ވާދަކުރައްވާ އިރު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.