27 Sep 2010, 04:40
ޑީއާރްޕީގެ ބޮޑު މުޒާހަރާއެއް މާދަމާ ރޭ ބާއްވާ ގޮތަށް އެ ޕާޓީން ހަމައްޖައްސައިފި އެވެ.
ޑީއާރްޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިންސުރެ ބޭއްވުމަށް ހަމަޖެހިފައި އޮތް އެޕާޓީގެ މުޒާހަރާ މާދަމާރޭ އާޓިފިޝަލް ބީޗްގައި ބާއްވަނީ "މައްކާރު ސަރުކާރު" ނުވަތަ މަކަރުވެރި ސަރުކާރުގެ ނަމުގައި ކަމަށެވެ.
"ރައްޔިތުންނާ ގުޅުންހުރި ސިޔާސީ ހަރަކާތެއް ނުބޭއްވޭތާ ގިނަ ދުވަސްވުމާއި އަދި މިފަހަރު ބާއްވަން އުޅުނު މުޒާހަރާ ނުބޭއްވި ފަސްވުމާ ގުޅިގެން މަދާމާ ރޭގެ މުޒާހަރާ ފެނިގެންދާނީ ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި،" އެ އޮފިޝަލު ވިދާޅުވި އެވެ.
ޑީއާރްޕީން ބުނީ މާދަމާ ރޭގެ މުޒާހަރާގެ އިންތިޒާމުތައް ކުޑަ ކޮމެޓީއަކުން ރޭ ފަށާފައިވާ ކަމަށާއި މާދަމާ ރޭ މުޒާހަރާ ކުރާއިރު މައިގަނޑު ގޮތެއްގައި ޝުއޫރު ފާޅުކުރާނީ މިހާރުގެ ސަރުކާރުގެ މަކަރުވެރި ކަމާއި ހީލަތްތެރިކަމުގެ މައްޗަށް ކަމަށެވެ.
"އާންމު ގޮތެއްގައި މި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ދައްޗާއި އުނދަގޫ ކުރިމަތިވެފައިވާ ހުރިހާ ކަމަކަށް އަޑު އުފުލާނެ، އެކަމަކު މައިގަނޑު ތީމަކީ ސަރުކާރުގެ މަކަރުވެރިކަން،" އޮފިޝަލު ވިދާޅުވި އެވެ.
ޑީއާރްޕީން މާދަމާ ރޭ މުޒާހަރާ ކުރާއިރު ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ކޮޅެއް ގުޅިގެން ބާއްވަން މަސައްކަތް ކުރި "ގަންނާނެއްބާ ސަރުކާރު" މުޒާހަރާ ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.