އަންހެނުންގެ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އިސްކަންދަރު ސްކޫލްގެ ބެލެނިވެރިންގެ ޓީމް (އިސްކަންދަރު)އާ ވާދަކޮށް 0-2 ން ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) އިން މެޗު ކާމިޔާބު ކޮށްފި އެވެ.

ދާދި ހަމަހަމަ ކުޅުމެއް ކުޅެމުންދިޔަ ފޯރިގަދަ މެޗުގެ 18 ވަނަ މިނެޓުގައި ސަންޓީމަށް އިސްކަންދަރު ޓީމުގެ ގޯލް ހުޅުވާލަ ދިނީ ޖާޒީ ނަންބަރު 10 ފާތިމަތު އަފްޒާ (ގޮއްޔެ) ތަނަވަސް ކޮށްދިން ފުރުސަތަކުން ސަންޓީމުގެ ޖާޒީ ނަންބަރު 5 އާމިނަތު ޒާހިޔާ (ޒެޑޭ) ޖަހައިދިން ލަނޑުން ނެވެ. ފުރިހަމަ ޖޯޝާ އެކު ކުޅެމުން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް ސުމަކުން ސަން ޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު އިސްކަންދަރު ޓީމު ކުޅުން ވަރުގަދަކޮށް އިދިކޮޅު ގޯލަށް ނުރަށްކާ ކުރަން ފެށި އެވެ. އެހެން ނަމަވެސް މެޗުގެ 57 ވަނަ މިނިޓުގައި އިސްކަންދަރު ހާފުގެ މެދެއްހާ ހިސާބަށް ޒެޑޭ ވައްޓާލަދިން ތްރޫޕާހަކުން ބޯޅަ ހިފައިގެން އެކަނި އަރާ އިސްކަންދަރު ގޯލުގެ ކަނާތްފަރާތު ކަނަށް ބޯޅަ ފޮނުވާލައިގެ މެޗުގެ ދެވަނަ ލަނޑު ސަން ޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ގޮއްޔެ އެވެ.

މެޗުގެ ފަހުހާފުގައި އިސްކަންދަރު ސްކޫލުން ނަތީޖާ ބަދަލު ކޮށްލާނޭ ގިނަ ފުރުސަތު ތަކެއް ހޯދިނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރުވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި މެޗު ނިމުނީ ދޭއް ސުމަކުން ސަން ޓީމު މެޗު ކާމިޔާބު ކޮށްގެންނެވެ. މިއަދުގެ މެޗުގެ ކުއީން އޮފްދަ މެޗުގެ މަގާމަށް ހޮވުނީ ސަންޓީމުގެ އާމިނާތު ޒާހިޔާ އެވެ.

މެޗަށްފަހު ސަން އޮންލައިނާ ވާހަކަ ދައްކަމުން އިސްކަންދަރު ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ނަތީޖާ ނުނެރެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީމަ ކަމަށެވެ.

"ކުޅުންތެރިން ކުރި ހިތްވަރާއި އަދި ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ. ނަތީޖާ ނުނެރެވުނީ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފުނީމަ. އަސްލު މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތުވެސް ކުޑައީ،" ސޮބާ ބުންޏެވެ. "އަޅުގަނޑު މެންގެ ޓީމުގައި ގައުމީ ޓީމުގެ ކުޅުންތެރިން ތަކެއް ތިބި ނަމަވެސް އެކުޅުންތެރިންނާ އެކު މުޅި ޓީމަށް ޕްރެކްޓިސް ކޮށްލެވުނީ މުބާރާތް ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް،"

މިއަދުގެ މެޗާބެހޭ ގޮތުން ސަން ޓީމުގެ ކޯޗް އިސްމާއީލް އަނިލް ބުނީ މިއަދުގެ މެޗުން މޮޅުވުމުން އުފާވި ނަމަވެސް ޓީމުގެ ކުޅުމާއި ދޭތެރޭ އެހާ ހިތްހަމަ ނުޖެހޭ ކަމަށާއި އުންމީދު ކުރި ގޮތަށް ޓީމަށް ކުޅުން ދެއްކިފައި ނުވާ ކަމަށެވެ.

"މެޗުން މޮޅުވުމުން އުފާވި. އެކަމަކު ޓީމުގެ ކުޅުމާ ދޭތެރޭ މިއަދު އެހާ ހިތްހަމައެއް ނުޖެހޭ. ޕްލޭން ކުރިގޮތަށް ޓީމަށް ކުޅުން ދެއްކިފަ އެވެ ނެތް،" އަނިލް ބުންޏެވެ. "ކުރިޔަށް އޮތީ ސެމީ ފައިނަލް. މިވަގުތު ހުރިހާ ވިސްނުމެއް އޮތީ އެދިމާލަށް."

މުބާރާތުގެ ލީގު ސްޓޭޖްގައި ސަންޓީމު ކުޅެން ޖެހޭ މެޗުތަށް މިއަދުގެ މެޗު ކުޅުމުން ހަމަ ވީއެވެ. މި ސްޓޭޖުގައި ބާކީ އޮތް ދެމެޗުން ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވާދަ ކުރާނީ ލ. ސްޓާއާއި އެމްއެންޑީއެފް ޓީމެވެ. އަދި ދެން އޮތް މެޗުގައި މިމަހު 25 ވަނަ ދުވަހު ވާދަކުރާނީ އިސްކަންދަރު ޓީމާއި އެމްބީސީގެ ޓީމެވެ.

މުބާރާތުގެ ސެމީފައިނަލުން ސަން، އެމްއެންޑީއެފް އަދި ލ. ސްޓާއަށް ޖާގަ ކަށަވަރު ވެފައި ވާއިރު ސެމީގެ ހަތަރުވަނަ ޖާގަ ލިބޭނީ އިސްކަންދަރާއި އެމްބީސީ ވާދަކުރާ މެޗު އެއްވަރު ވެއްޖެ ނަމަ ނުވަތަ އިސްކަންދަރު މޮޅު ވެއްޖެ ނަމަ އެޓީމަށެވެ. އެމްބީސީ މޮޅުވެއްޖެ ނަމަ ހަތަރުވަނަ ޖާގަ ލިބޭނީ އެމްބީސީ އަށެވެ.

މިއަދުގެ މޮޅާ އެކު ސަންޓީމަށް ވަނީ 9 ޕޮއިންޓު ފައިދާ 11 ގޯލާ އެކު ތާވަލުގެ ކުރި ލިބިފަ އެވެ. އައި 9 ޕޮއިންޓު ފައިދާ 8 ގޯލާ އެކު ތާވަލުގެ ދެވަނަ ލިބެނީ އެމްއެންޑީއެފް އަށެވެ. ހަތަރު ޕޮއިންޓާ އެކު ތިންވަނައިގައި ލ. ސްޓާ އޮތް އިރު އިސްކަންދަރު އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ތާވަލުގެ ފުލުގައި އޮތީ ފަސްޓީމު ވާދަކުރާ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ ބައިކޮޅަށް 14 ގޯލް ވަދެފައިވާ އެމްބީސީ ޓީމެވެ.