23 Dec 2012, 18:25
ހޯދަންޖެހޭ ހުއްދަތަށް ނުނަގާ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 20،000 ތެލާޕިއާ ކަސްޓަމްސްއިން މިއަދު ނައްތާލައިފި އެވެ.
ސަންއަށް އެގިފައިވާގޮތުގައި 20،000 ތެލާޕިއާ ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކޮށްފައިވަނީ މ.ޗަމްޕާހެވަން މުހައްމަދު މޫސާ(އުއްޗު) ގެ ރަށެއް ކަމަށްވާ ތުނބަފަޅުގައި ދިރުވައި އާލާކުރުމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ޕުލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގައި 20،000 ތެލާޕިއާގެ އިތުރުން އަށް އަލަނާސި ގަސްވެސް ނައްތާލާފައިވަނީ ނޫސްވެރިންގެ ކުރިމަތީގަ އެވެ.
ނޫސްވެރިނަށް މައުލޫމާތުދެމުން ޗީފް ކަސްޓަމްސް އޮފިސާ މުހައްމަދު އިބްރާހިމް ވިދާޅުވީ މިއަދު ނައްތާލާފައިވާ މަސްތަކާއި އަދި ގަސްތަކަކީ ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ ހުއްދަތަށް ނުހޯދައި ގަވާއިދާ ހިލާފަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ އެއްޗެހި ކަމަށެވެ.
"މިތަކެއްޖަކީ ދެފަހަރެއްގެ މަތިން ހިފަހައްޓާފައިވާ ތަކެތި އެގޮތުން މިއަދު މިނައްތާލެވުނީ އަށެއް ސެޕްޓެމްބަރުގައި ފިޝަރީޒް އެންޑް އެގުރިކަލްޗާއިން ހުއްދަ ނުހޯދައި އެތެރެކުރަން މަސައްކަތްކުރި ގަސްތަކަކާ 26 އޮކްޓޫބަރުގައި ގެނެސްފައި ހުރި ދިރޭ މަސްތަކެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ އެގަސްތަކުގައި 73 ކިލޯހުރިއިރު 20،000 ތެލާޕިއާގައި 260 ކިލޯހުރިކަމަށެވެ.
ގިނަ އަދަދެއްގެ ތެލާޕިއާތަކެއް މިއަދު ނައްތާލާފައިވައިރު މިދިޔަ މަހުގެ ތެރޭގައިވަނީ ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް ކަމަށްވާ މާހުޅުނބު ލަނޑާތަކެއް އެސްކްޕޯޓްކުރަން އުޅުނު މައްސަލަައިގައި އޮސްކަ އެލައަންސް ކުންފުނި 283103.84ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.