ހުސްވި ސީޒަންގައި ކުލަބު އީގަލްއަށް ކުޅުނު އަދި ރާއްޖޭގެ ގައުމީ ޓީމުގެ މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފު (ބަކާ) މިއަދު މެންދުރުގެ ވަގުތެއްގައި މާޒިޔާ ސްޕޯޓްސް އެންޑު ރެކްރިއޭޝަން އަށް އެއް އަހަރުގެ މުއްދަތަށް ސޮއިކޮށްފި އެވެ.

ބާކާ މާޒިޔާއަށް ސޮއިކުރި އިރު އޭނާ ހޯދުމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ސަން އޮންލައިނާ ވާހަކަ ދައްކަމުން ބަކާ މިއަދު ބުނީ އޭނާ މާޒިޔާއަށް ސޮއިކުރީ އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ މާޒިޔާއިން ކަމަށް ވުމާއި އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ވެސް އެޓީމަށް ލިބިފައި ވުމުން ކަމަށެވެ.

"ދެޓީމަކުން ވާހަކަ ދެއްކީ. އެއީ މާޒިޔާ އަދި ނިއުރޭޑިއެންޓް. މާޒިޔާއިން ނިއުއަށް ވުރެ ރަނގަޅު ހުށަހެޅުމެއް ލިބުނީމަ އެޓީމަށް ސޮއިކުރީ" ބަކާ ބުންޏެވެ. "އަދި އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ވެސް މާޒިޔާއަށް ލިބިފައި ވުމާއި މާޒިޔާއިން ރަނގަޅު އަގެއް ހުށަހެޅީމަ އެޓީމަށް މި ދިޔައީ،" ހުނަރުވެރި ކުޅުންތެރިޔާ އިތުރަށް ބުންޏެވެ.

ބަކާ މާޒިޔާއަށް ސޮއިކުރީ ކިހާވަރެއްގެ އަގަކަށްތޯ ސުވާލު ކުރުމުން މާޒިޔާއިން ވެސް އަދި ބަކާވެސް ބުނީ "ކޮންޓްރެކްޓްގެ އަގު އަދި މިވަގުތަށް އެއްވެސް މީޑިޔާ އަކަށް ހާމަކުރެވެން ނެތް" ކަމަށެވެ. އެހެން ނަމަވެސް ވަގުތު ޖެހުމުން ހުރިހާ މައުލޫމާތެއް ވެސް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މާޒިޔާގެ އޮފިޝަލަކު ސަން އޮންލައިން އާ ވާހަކަ ދައްކަމުން ބުނީ، ބަކާ އަށް މާޒިޔާއިން ރަނގަޅު އަގެއް އޮފާ ކޮށްފައި ވާ ކަމަށާއި އަދި ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާޒިޔާގެ ސްކޮޑަށް އިތުރު ދެ ނަމެއް ލެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ބަކާ އަށް އަޅުގަނޑުމެން ވަރަށް ރަނގަޅު އަގެއް ދީފައި މި ގެނައީ. ރާއްޖޭގެ ބޮޑެތި ޓީމުތަކުން ބަކާ ހޯދަން މަސައްކަތް ކުރަނިކޮށް މާޒިޔާއަށް އޭނާ ގެނެވޭނީ ރަނގަޅު އަގެއް ދީފައި، އެހެން ނޫންތޯ؟ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އަދިވެސް އިތުރު ދެ ކުޅުންތެރިޔަކު ޓީމަށް ގެނެވޭތޯ" އޮފިޝަލު ބުންޏެވެ.

ސަންއާ ވާހަކަ ދެއްކި މާޒިޔާގެ އޮފިޝަލް ބުނީ އެޓީމަށް އިތުރަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދަނީ، ޑިފެންޑަރަކާއި ފޯވަޑެއް ކަމަށެވެ. އަދި އެކުޅުން ތެރިންގެ ތަފްސީލީ މައުލޫމާތެއް މިވަގުތު ދެވެން ނެތް ނަމަވެސް އެއީ މިހާރުވެސް ފުރަތަމަ ޑިވިޒަންގައި ކުޅޭ އަދި ގައުމީ ސްކޮޑުންވެސް ފުރުސަތު ހޯދާފައިވާ ދެ ނަން ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމަށް އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ކުރިން ވިކްޓަރީގެ ފޯވަޑް އަދި މިހާރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން އަދުހަމް (ސަޑޭ) އާއި ވިކްޓަރީގެ ކުރީގެ ކެޕްޓަން ޝާފިޢު އަޙްމަދު (ޝާފީ) އާއި ވެލެންސިޔާގެ ކުރީގެ ކެޕްޓަން އަލީ އިމްރާން (އިންމަ) އާއި މާޒިޔާގެ ފޯވަޑަކަށް ކުޅުމަށް ފަހު މިދިޔަ ސީޒަންގައި ވީބީ އައްޑޫ އެފްސީ އަށް ކުޅުނު ޢަލީ ނާފިޢު (ކަޅޭ) އާއި ވީބީގައި ރަނގަޅު ކުޅުމެއް ދެއްކި ހުސައިން ޝުއައިބުގެ އިތުރުން ވިކްޓަރީގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ނިސާހު އާދަމް އެވެ.