ޕްރައިވަޓައިޒޭޝަންގެ އުސޫލުން ކުންފުނިތަކާ ހަވާލުކޮށްގެން ދެކުނުގެ އަތޮޅުތަކަށް ސަރުކާރުން ދެމުންގެންދާ ފެރީގެ ޚިދުމަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް އެ އަތޮޅުތަކުގެ ކައުންސިލްތަކުން މިއަދު ބުނެފި އެވެ. ފެރީގެ ޚިދުމަތް ހުއްޓިފައިވާ އަތޮޅުތަކަކީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއެވެ.

ގއ އަތޮޅު ކައުންސިލް މެންބަރު އަބްދުއްސަލާމް މުހައްމަދު މިއަދު ވިދާޅުވީ އެއަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ "ޓްރައިނަސް" ކުންފުނިން ދެމުން ގެންދިޔަ ޚިދުމަތްތައް ފެބުރުއަރީ އަށް ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން އެއަތޮޅުގެ އެކިރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން އެކައުންސިލަށް ޝަކުވާ ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެބްރުއަރީ އަށް ވަނަ ދުވަހުން ފެށިގެން އެއްވެސްގޮތަކަށް ފެރީގެ ޚިދުމަތް ނުލިބޭ. އެކަމާ ގުޅިގެން މި އަތޮޅުގެ ގިނަ ރައްޔިތުންގެ ޝަކުވާ މި ކައުންސިލަށް ދަނީ ލިބެމުން،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެރީގެ ޚިދުމަތް ހުއްޓާލާފައިވާތީ އެކަންވެފައި އޮތްގޮތް ސާފުކުރަން އަތޮޅު ކައުންސިލުން އެ ކުންފުނީގައި އެދިފައިވާ ކަމަށާއި ނަމަވެސް އެ ކުންފުނިން އެއްވެސް ޖަވާބެއް އެކަމަށް ދީފައި ނުވާކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ތަފާތު އެކި ފަހަރު މަތިން ޓްރާންސްޕޯޓް މިިނިސްޓްރީގައި ދެެންނެވި ނަމަވެސް އެ އޮފީހުން އެކަން ހައްލުކޮށްދީފައި ނުވާކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.

ގދ. އަތުޅު ކައުންސިލްގެ ނައިބް ރައީސް ޝާއިރު ހަސަން މިއަދު ވިދާޅުވީ އެއަތޮޅަށް ފެރީގެ ޚިދުމަތް ދެމުންގެންދާ ކުންފުނިން ފެރީގެ ޚިދުމަތް ހުއްޓާލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާ ގުޅިގެން ކައުންސިލުން މައުލޫމާތު ސާފުކުރުމުން ފެރީގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ދަތުރު ކުރާނެ އުޅަނދެއް ނުލިބިގެން ކަމަށް ކުންފުނިން ބުނެފައިވާ ކަމަށެވެ.

"ފެރީގެ ހިދުމަތް މިހާރު އެއްގޮތަކަށް ވެސް ނުލިބޭތާ ގާތްގަޑަކަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވެދާނެ. ފެރީގެ ހިދުމަތް ދެމުން ގެންދިޔަ ކުންފުނިން އަޅުގަނޑުމެންނަށް މައަުލޫމާތު ދީފައި ވަނީ ހިދުމަތް ހުއްޓާލަން ޖެހުނީ އެ ފަރާތައް ދަތުރު ކުރާނެ އުޅަނދެއް ނުލިބިގެން ކަމަށް." ޝާއިރު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކައުންސިލުން ކުރި މަސައްކަތްތައް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ އެ އަތޮޅަށް ފެރީގެ ހިދުމަތް ދެމުން ގެންދާ އެމްވީކޭ ކުންފުނިން އެ ހިދުމަތް ހުއްޓާލާފައި އޮންނަތާ ގާތް ގަޑަކަށް ހަމަހަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. ނަމަވެސް ފެރީގެ ޚިދުމަތް ހުއްޓާލަން ޖެހުނު ސަބަބެއް އެ ހިދުމަތްދޭ އެމްވީކޭގެ ފަރާތުން ރަސްމީކޮށް އަތޮޅު ކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލަށް މައުލޫމާތު ލިބިފައިވާގޮތުން ފެރީގެ ހިދުމަތް ހުއްޓާލަން ޖެހުނީ އެމްވީކޭގެ މުވަޒިފުންނަށް މުސާރަ ނުދޭތީ ކުންފުނީގެ މުވަޒިފުން އެކަމާ އިހްތިޖާޖުކޮށް މަސައްކަތް ހުއްޓާލުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރީގެ ޚިދުމަތް ހުއްޓާލަން ޖެހުނީ އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ މުވައްޒަފުން އެކަމާ އިހުތިޖާޖުކޮށް މަސައްކަތް ހުއްޓާލާފައިވާތީ ކަމަށް. މިކަން ހައްލު ކުރެވޭތޯ ޓްރާންްސްޕޯޓް މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ކުރަމުން އައި މަސައްކަތަށް އަދި މިހާތަނަށް އަލިމަގެއް ފެނިފައި ނުވޭ،" ފަޒާދު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް މެންބަރު ހުސެން ފަހުމީ މިއަދު ވިދާޅުވީ އެ ސިޓީއަށް ވެސް ފެރީގެ ޚިދުމަތް ދެމުން ގެންދަނީ އެމްވީކޭގެ އިން ކަމަށާއި އެކުންފުނިން ފެރީގެ ޚިދުމަތް ހުއްޓާލާފައިވާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ފެރީގެ ޚިދުމަތް ހުއްޓާލަން ޖެހުނީ މާލީގޮތުން ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް އެމްވީކޭގެ ފަރާތުން ސިޓީ ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"އައްޑޫ ސިޓީގަ މިހާރު ހުރިހާ ދަތުރު ފަތުރުގެ ހިދުމަތެއް ވަނީ ހުއްޓިފަ. މިހާރު ފެޜީގެ ހިދުމަތް ނުކިބޭތާ ވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފާނެ. އެކަން ހައްލު ކުރުމަށް އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓްރީއާ އެއްވެސް މަޝްވަރާ އެއް ނުކުރަން" ފަހުމީ ވިދާޅުވި އެވެ.

ފެރީގެ ޚިދުމަތް ހުއްޓުމާ ގުޅިގެން އައްޑޫ ސިޓީއާ ދެކުނުގެ ބައެއް ރަށްތަކުގައި މިއަދު މުޒާހަރާކޮށްފައި ވެއެވެ.

ފެރީގެ ޚިދުމަތް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ޝަކީބަށް ގުޅާލުމުން ވިދާޅުވީ ދެކުނުގެ ހުރިހާ އަތޮޅުތަކަށް ވެސް ދެމުންގެންދިޔަ ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށެވެ. އަދި ސިޓީއެއް ފޮނުވުމުންނޫނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށް އޭނާ ވިދާޅުވި އެވެ.