23 Dec 2012, 14:47
ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން ރެއަލް މެޑްރިޑާއި މަލާގާ ބައްދަލު ކުރި މެޗުން ތިނެއް ދޭކުން ރެއާލް ބަލިވެ ތާވަލުގެ އެއްވަނައިގާ 49 ޕޮއިންޓާ އެކު އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ ސޯޅަ ޕޮއިންޓު ފަހަތަށް ވެއްޓިއްޖެ އެވެ.
ރޭގެ މެޗުގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައި ގަތް ކަމަކީ، ވޭތުވެ ދިޔަ ދިހަ އަހަރު ދުވަހު ރެއާލްގެ ގޯލް ބެލެހެއްޓި އެޓީމުގެ ކެޕްޓަން އީކާ ކަސިލަސް ބެއްޗަށް ލުމަށްފަހު ބަދަލު ކީޕަރު އެންޓޯނިއޯ އަޑާން، 25، އާއި ގޯލް ހަވާލު ކުރުމަށް ކޯޗު ހޯސޭ މޮރީނިއޯ ނިންމި ނިންމު މެވެ. މިކަމާ ގުޅޭ ގޮތުން ރެއާލް މެޑްރިޑްގެ ކުރީގެ ސްޕޯޓިން ޑައިރެކްޓަރު ޖޯޖް ވަލްޑާނޯ ސިފަކުރީ އެއީ މޮރީނިއޯ "އަތްނުލާ އައްދޮ ކިއުއްވަން" ގަސްތުގައި ކުރި ކަމެއް ކަމަށެވެ.
"އެއީ އޭނާ [މޮރީނިއޯ] އަކީ ޓީމުގައި ހުރި ވަރުގަދަ އެންމެ ދުވަސްވީ ވަރުގަދަ އެއް ޝަހުސިއްޔަތަށް ވުރެ ބާރުގަދަ މީހެއްކަން މީހުންނަށް ދައްކާލުމަށް ކުރި ކަމެއް" ވަލްޑާނޯ ބުންޏެވެ.
އަދި ގިނަބަޔަކު ދެކެނީ މިއީ މޮރީނިއޯ މެޑްރިޑް ދޫކޮށްލަން ވެގެން އުޅޭތީ، އޭނާ އަމިއްލަ އަށް އިސްތިއުފާ ދޭނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިޔަން ޕައުންޑުޓީ މަށް ދައްކަން ޖެހޭތީ އެކަމުން ރެކެން، ކުލަބުން އޭނައާ ދޭތެރޭ ފިޔަވަޅު އެޅުވުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަކު މޮރީނިއޯ ވަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކޮށްފައެވެ.
އިސްތިއުފާ އާއި ބެހޭގޮތުން މޮރީނިއޯ ބުނެފައި ވަނީ "ކުރިންވެސް، މިހާރުވެސް އަދި ފަހުންވެސް އިސްތިއުފާ ދޭކަށް އަހަރެން ނުވިސްނަން" ކަމަށެވެ. އަދި ކަސިލަސް ބެންޗަށް ލުމާބެހޭގޮތުން ކޯޗު ބުނީ "އެއީ ޓެކްޓިކަލް ނިންމުމެއް. ކުޅުންތެރިންގެ މަސައްކަތަށް ބަލާފައި މެޗަށް ނަގާނެ ކުޅުންތެރިން އެނގޭނީ ކޯޗަށް" ކަމަށެވެ.
ރޭގެ މެޗުގައި މެޗުގައި އިސްކޯ ކާމިޔާބު ކޮށްދިން ގޯލާއެކު މަލާގާ އެކެއް ސުމަކުން ކުރިހޯދާފައި ވަނިކޮށް ނަތީޖާ ހަމަހަމަވީ އެޓީމުގެ ސެމުއެލް ސަންޗޭޒުގެ އަތުން ބައިކޮޅަށް ގޯލެއް ވަނުމުން ނެވެ. އެހެން ނަމަވެސް ބަދުލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ރޯގް ސަންޓާ ކުރޫޒް ވަނީ ރެއާލް ކޮޅަށް ދެލަނޑު ޖަހައި ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްފައެވެ. ކަރީމް ބެންޒެމާ ފަހުހާފުގައި ރެއާލް އަށް ލަނޑެއް ކާމިޔާބު ކޮށްދީ ނަތީޖާ ދޭއް ތިނަކަށް ބަދަލުކޮށް ދިން ނަމަވެސް މެޗު ނިމުނީ 29 އަހަރު ފަހުން ފުރަތަމަ ފަހަރަށް މަލާގާ ރެއާލް މެޑްރިޑްގެ މައްޗަށް ކާމިޔާބު ހޯދައިގެން ނެވެ.
ކެންސަރަށް ފަރުވާ ހޯދަމުންދާ 44 ހަތަރު އަހަރުގެ ކޯޗު ވިލަނޯވާ އާއި ނުލައި ޖޯޑީ ރޫރާގެ ބެލުމުގެ ދަށުން ނިކުތް ބާސެލޯނާ ވަނީ ރޭ ރެއާލް ވަލަޑޯލިޑް އާއި ދެކޮޅަށް ކުޅެ ތިނެއް އެކަކުން މޮޅުވެ 49 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގާ ހަމަޖެހިލާފަ އެވެ.
ރޭގެ މެޗުގައި ބާސާއަށް މެޗުގެ ކުރި ހޯދައި ދިނީ 43 ވަނަ މިނިޓުގައި ޒާވީ ހެނާންޑެޒް އެވެ. އަދި 60 ވަނަ މިނިޓުގައި ބާސާއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލިއޮނަލް މެސީ ވަނީ އޭނާ މިއަހަރު މިހާތަނަށް ޖަހާފައިވާ ގޯލްގެ އަދަދު 91 އަރުވާފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓުގައި ވަލަޑޯލިޑްގެ ޒާވީ ގުއެރާ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ދޭއް އެކަކަށް ބަދަލު ކޮށްލި ނަމަވެސް މެޗު ނިމުނީ މެޗުގެ އިތުރު ވަގުތުގައި ބާސާއަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޓެލޯ ބޯޅައިގާ ފުރަތަމަ ފައިޖައްސާލުމާ އެކު ވަލަޑޯލިޑްގެ ގޯލަށް ބޯޅަ ފޮނުވާލައިގެން ތިނެއް އެކަކުން ބާސާ މެޗު ކާމިޔާބު ކޮށްގެން ނެވެ.
ސްޕެނިޝް ލީގު ތާވަލުގައި 49 ޕޮއިންޓާ އެކު ބާސެލޯނާ އެއްވަނައިގާ އޮތް އިރު ތާވަލުގެ ދެވަނައިގާ އޮތީ 40 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އެވެ. އަދި 39 ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ލިބެނީ ތާވަލުގެ ތިންވަނަ އެވެ.