މީހުންގެ އިނގިލީގެ ނިޝާން ދެނެ ގަންނަ، "ފިންގަޕްރިންޓް ރީޑިން" ނިޒާމެއް ގާއިމްކުރަން އިލެކްޝަންސް ކޮމިޝަންއިން މަސައްކަތް ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ދަފްތަރު ސައްހަ ކުރުމުގެ ގޮތުން ފިންގަ ޕްރިންޓް ދެނެ ގަނެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެ ނިޒާމް ގާއިމްކުރުމުން ފިންގަ ޕްރިންޓް ޑޭޓާ ބޭސްއެއް އެ ކޮމިޝަންގައި ގާއިމްކުރެވޭނެ ކަމަށެވެ. އަދި އެޑޭޓާ ބޭސްގެ އަލީގައި ފިންގަޕްރިންޓްގެ ސައްހަކަން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިންމެވި ނިންމެވުމަކާ އެކު އެކަންތައް [ޕާޓީގެ މެންޕަޝިޕް ފޯމްގައި އިނގިލީގެ ނިޝާން ޖެހުން] ހުއްޓިފައި އޮތަސް އަޅުގަނޑުމެން މިބަލަނީ ޕާޓީތަކުގެ ގާނޫނު ވެސް ވުޖޫދަށް އައުމުން އޭގެ ބޭނުން ހިފޭނޭ. އަދި ޕާޓީގެ ދަފްތަރު ސައްހަ ކުރުމުގައި އަޅުގަނޑުމެންނަށް އެ ނިޒާމް ގާއިމް ކުރެވުނީމައި ފިންގަޕްރިންޓްގެ ބޭނުންވެސް ހިފޭނޭ. ދިގު މުއްދަތަކަށް ވިސްނާފައި އަޅުގަނޑުމެން މިކުރަނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއުލާންކޮށްގެން ފިންގަޕްރިންޓް ދެނެގަންނަ ބައެއް މެޝިން މިހާރު ވެސް ހޯދާފައިވާ އިރު އަދިވެސް އިތުރު މެޝިންތައް ހޯދުމުގެ މަސައްކަތް އެ ކޮމިޝަންގެ އައިޓީ ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ މެޝިންތައް ހޯދާ ނިމި ބޭނުން ކުރަން ފެށުމުން ވޯޓާޒް ރެޖިސްޓްރީ ސައްހަ ކުރުން ފަދަ ކަންކަމުގައި ވެސް އެ ނިޒާމުގެ މުހިންމުކަން ބޮޑުވެގެންދާނެ ކަމަށެވެ.

"ފިލިޕީންސް ޖެމެއިކާ މިތަންތަނުގައި ވެސް މިފަދަ ނިޒާމްތައް އެބަ ބޭނުންކުރެވޭ ވޯޓާޒް ރެޖިސްޓްރީ ސައްހަ ކުރުމާއި މިކަންކަމުގައި ވެސް، ކޮމިޝަނުން މިދެކެނީ މިކަމަކީ ކާމިޔާބު ކަމަކަށް ވެގެންދާނޭ ކުރިއަށް އޮތް ތަނުގައި. މީގެ ސަބަބުން ވޯޓުލުމުގެ ރަޖިސްޓްރީގައި ދިމާވާ ބޮޑެތި މައްސަލަތައް ފަދަކަންތައްތައް ހައްލުވެގެންދާނެ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނިޒާމު ގާއިމްކުރުމަށް މާބޮޑު ހަރަދެއް ނުހިނގާނޭ ކަމަށާއި އެ ނިޒާމު ގާއިމް ކުރުމުގެ ހުރިހާ ހަރަދެއް ވެސް ކުރިއަށް ގެންދާނީ ކޮމިޝަންގެ ބަޖެޓްގެ ތެރެއިން ކަމަށެވެ. އިލެކްޝަންސްއިން އުންމީދު ކުރަނީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ފިންގާ ޕްރިންޓް ދެނެގަން ޓެކްނޮލޮޖީ ގާއިމްކުރެވޭވަރު ވާނެ ކަމަށެވެ.

ސިޔާސީ ޕާޓީގެ މެންބަޝިޕް ފޯމުގައި މީގެ ކުރިން އިނގިލީގެ ނިޝާން ޖަހަމުން ގެންދިޔަ ނަމަވެސް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެކަން ހުއްޓާލުމަށް ކޮމިޝަނަށް އެންގީ ފިންގާ ޕްރިންޓްގެ ސައްހަކަން ދެނެ ގަންނާނެ ނިޒާމެއް މިހާތަނަށް އެ ކޮމިޝަންގައި ގާއިމްވެފައި ނެތުމުން ކަމަށްބުނެ އެވެ. ސިޔާސީ ޕާޓީތަކުގެ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހަން ޖެހުމުން ސިޔާސީ ގިނަ ޕާޓީތަކަކުން އެކަމަށް ފާޑު ކިޔާ އިލެކްޝަންސް ކޮމިޝަނަށް ޕްރެޝާ ކުރިމަތިކުރުވި އެވެ.