23 Dec 2012, 14:23
ކުނިއަޅަން ކަނޑައަޅާފައިވާ ތަނަކަށް ފިޔަވައި އެހެން ތަނަކަށް އުނި އަޅައިފި ނަމަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދަށް ވުރެ ބޮޑު އަދަދެއް އާންމު ސިއްހަތުގެ ގާނޫނުގައި ކަނޑައަޅައިފި އެވެ.
ކުނި އެޅުމާއި މަގުމައްޗަށް ކުޅު ޖަހައިފި ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ކަނޑައަޅާފައި އޮތަސް މިދިޔަ ހަފްތާގައި ތަސްތީގު ކުރި އާންމު ސިއްހަތުގެ ގާނޫނުގައި ބުނަނީ އާންމުތަނަކަށް ކުނި އަޅައިފި ނަމަ 5000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ނ)ގައި ބުނަނީ އާންމުތަނަކަށް ނުވަތަ މަގުތަކަށް، ގޭގެއަށް، ހުސް އިމާރާތަކަށް، އަތިރިމައްޗަށް، ގޮނޑުދޮށަށް، ކުނިއެޅުމާއި ނަޖިސްކުރުމަކީ ކުށެއް ކަމަށެވެ. އަދި އެ ކުށުގެ އަދަބަކީ 5000ރ. އިން ޖޫރިމަނާ ކުރުމެވެ. ގާނޫނުގައި ކަނޑައެޅިގެން އެހެން ބުނެފައި އޮތަސް، އެފަދަ ކުށް ބަޔާންކޮށްފައިވާ ގާނޫނުތައް ތަންފީޒެއް ނުކުރެވެ އެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައި ވަނީ މަގުމައްޗަށް ކުޅުޖެހައިފި ނަމަ އެ ގާނޫނުގެ ދަށުން އެ މީހަކާ މެދު ފިޔަވަޅު އެޅާނެ ކަމަށެވެ. އަދި އެފަދަ ކުށެއްގެ އަދަބު އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ 500ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. ނަމަވެސް 2010 ވަނަ ތަސްތީގު ކުރި އެ ގާނޫނުގެ ދަށުން އެފަދަ ކުށެއް ކުރި މީހަކާ މެދު ފިޔަވަޅުއަޅައި އަދި ޖޫރިމަނާ ވެސްކޮށްފައިނުވެ އެވެ. އަދި އެ ގާނޫނުގައި ބުނާ ގޮތުން ކުނިއަޅަން ޖެހޭ ތަނަށް ފިޔަވައި އެހެންތަނަކަށް ކުނި އަޅައިފި ނަމަ އަދަބު ކަނޑައަޅާފައެއް ވެސް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތަސްތީގު ކުރައްވައި ގެޒެޓް ކުރެއްވެވި އާންމު ސިއްހަތުގެ ގާނޫނުގައި ވެސް މުޖުތައުމުގެ ސިއްހީ ރައްކާތެރި ކަމަށްޓަކައި އެތަކެއް ގިނަ ކަންތައްތަކެއް މަނާކޮށް ޖޫރިމަނާ ކުރާނެ އުސޫލްތައް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން އެކި ކާނާ ވިއްކާތަނެއްގައި ނުވަތަ ހޮޓަލެއްގައި ކެމިކަލެއް ވާސިލްވެގެން އެނޫން ވެސް ގޮތަކަށް އެތާނގައި ތައްޔާރު ކުރާ ކާނާ ނަޖިސްވެއްޖެ ނަމަ 10،000ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ. އަދި ކާނާ ތައްޔާރު ކުރާ މީހަކީ ގައިގައިން އަރާ ބައެއް ހުރެ، އަދި ބައެއްޔެއް ފަތުރާ ވަސީލަތަކަށް އެނގި ހުރެ، ކާނާ އުފެއްދުމުގެ އެއްވެސް މަރުހަލާއެއްގައި ހަރަކާތްރިވެއްޖެ ނަމަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ގެތަކުގައި އާދަޔާ ހިލާފަށް އިތުރުވެފައިވާ މީދަލާއި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އުފައްދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އޮފިޝަލުން އެތަންތަނަށް ވަނުމުގެ ހުއްދަ ނުދީފި ނަމަ ނުވަތަ ހުރަސްއަޅައިފި ނަމަ އެ މީހަކު 5000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އާންމުން ބޭނުން ކުރުމަށް ހަދާ ކުޅިވަރު ފެންގަނޑެއް ހުއްދަ ނުހޯދައި ހަދައިފި ނަމަ 25،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ. އަދި އެ ފެންގަނޑަކީ ވަކި ދުވަސްވަރެއްގައި ގައިގައިން އަރާ ބައްޔެއް ފެތުރުމުގެ މެދުވެރިއަކަށް ވެއްޖެ ހާލަތެއްގައި އެތަން ބަންދުނުކޮށްފި ނަމަ ކުޅިވަރު ފެންގަނޑުގެ ވެރިފަރާތް 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާވާނެ އެވެ.
އާންމު ސިއްހަތުގެ ގާނޫނު ތަންފީޒު ކުރުމުގެ ބާރު ލިބިދެނީ ހެލްތު މިނިސްޓަރަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ނުވަތަ ޑިރެކްޓަރު ޖެނަރަލްއަށެވެ. އާންމު ސިއްހަތުގެ ގާނޫނަކީ މިނިސްޓަރަށް ލިބިދޭ ބާރުތަކެއް ފަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލަށް ލިބިދޭ ގޮތަށް އޮތް ގާނޫނެކެވެ.
ގާނޫނުގައިވާ ގޮތުން ރާއްޖޭގެ އާންމު ސިއްހަތު ދެމެހެއްޓުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއެއް އުފައްދައި އެ އެޖެންސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އައްޔަން ކުރާ ފަބްލިކް ހެލްތު ޑިރެކްޓަރު ޖެނަރަލަކު ހުންނަންވާނެ އެވެ. އެ މަގާމަށް އައްޔަން ކުރާ މީހަކީ ފަބްލިކް ހެލްތުގެ ދާއިރާ އިން މާސްޓާޒް ޑިގްރީއެއް އޮތް މީހަކަށް ވާންޖެހޭނެ އެވެ.
ޑިރެކްޓަރު ޖެނަރަލް މަސައްކަތް ކުރަން ޖެހޭނީ ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ. އަދި ޑިރެކްޓަރު ޖެނަރަލް ހަވާލުވެ ހުންނެވި އެޖެންސީން ސިއްހީ ނުރައްކާތަކާއި ގައިގައިގަޔަށް އަރާ ބަލިތަކާއި ގައުމުތަކުން ރާއްޖެ އަށް ތައާރަފްވާ ބަލިތައް ކޮންޓްރޯލް ކުރަން ޖެހޭނެ އެވެ.