ހދ. ނޮޅިވަރަންފަރުގައި ތޫނުހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ބިރުދައްކަމުން ދިޔަ ދެ މީހަކު ހޯދަމުން ދަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކާ އެކު އެ ދެ މީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި 19 އަހަރުގެ ދެ މީހުން ކަމަށާއި އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:50 އެހާކަންހާއިރު ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ނިދާފައި ތިއްބާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތައް ފެނިފައި ވަނީ އެ ދެ މީހުން ނިދާފައި ތިއްބާ ހައްޔަރު ކުރުމަށް ފަހު އެ ދެ މީހުންގެ ހަށިގަނޑާއި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު 25 އަހަރުގެ މީހާގެ އަތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެމީހުންނަކީވެސް ތޫނު ހަތިޔާރު ބޭނުންކުރުމާއި މީހުންނަށް ބިރުދެއްކުމުގެ ކަށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.