23 Dec 2012, 13:32
ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ބަޖެޓް ކުޑަކުރި 15.3 ބިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަކުރަން ސަރުކާރުން ވެސް ތާއީދު ކުރާކަންހާމަކޮށްފި އެވެ.
އެންމެ ފުރަތަމަ ކޮމެޓީން ނިންމީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 14.5 ބިލިއަން ރުފިޔާއަށް ކުޑަކުރާށެވެ. ނަމަވެސް ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ފަހު ސަރުކާރުން ވަނީ ބަޖެޓް އެ ވަރަށް ކުޑަނުކުރުމަށް ކޮމެޓީ އަށް ލަފާދީފަ އެވެ.
އެގޮތުން ކޮމެޓީން އަލުން މުރާޖައާ ކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިންމާފައި ވަނީ ބަޖެޓްގެ ރިކަރަންޓް ހަރަދުތަކުން ބައެއް ބައިތައް އުނިކޮށް ބަޖެޓް 15.3 ބިލިއަން ރުފިޔާ އަށް ފެއްތުމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސަން އޮންލައިނަށް ހޮނިހިރު ދުވަހު ވިދާޅުވީ ބަޖެޓް 15.3 ބިލިއަން ރުފިޔާ އަށް ފެއްތުމުން އެ ނިންމުމަށް ސަރުކާރުން އެއްބަސްވީ މަޖިލީހުގެ މެމްބަރުންގެ ރޫހު ހުރީ ބަޖެޓް ކުޑަކުރުމަށް ކަމަށް ވާތީ އެކަމުގައި މަޖިލީހަށް ދުލެއް ދިނުމުގެ ގޮތުން ކަމަށެވެ.
"އެއީ ފަސޭހަކަމެއް ނޫން ބަޖެޓް ކުޑަކުރުމަކީ. އެއީ ސަރުކާރަށް އުނދަގޫކަމެއް. ނަމަވެސް މެންބަރުންގެ ރޫހު ހުރި ގޮތަށް ބަލާފައި އަޅުގަނޑުމެން ނިންމީ އެކަމުގައި މަޖިލީހަށް ދުލެއްދޭން،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ނިންމުމުގެ ސަބަބުން އަންނަ އަހަރުގެ ބައެއް ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދަތިތައް ހުރެދާނެ ކަމަށާއި ސަރުކާރުން ބޭނުންވީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އުނިކުރާ ނަމަވެސް އުނިކުރަން ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީގެ މަސައްކަތް ނިންމާލި އިރު ޕީއެސްއައިޕީގެ ޕްރޮގްރާމްތައް މަދުނުކުރަން ނިންމާފައި ވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ގައުމު ތަރައްގީ ކުރުމަށް ޕީއެސްއައިޕީ ޕްރޮގްރާމްތަކެއްގެ މުހިންމުކަން ބޮޑު ކަމަށެވެ.
"ޕީއެސްއައިޕީ ޕްރޮގްރާމްތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް ކޮމެޓީން ތާއީދު ކުރުމަކީ ރަނގަޅު ނިންމުމެއް. އޭރުން ގައުމެއް ތަރައްގީ ވާނީ. އިގްތިސޯދު ރަނގަޅު ކުރަން ބަޖެޓް ކުޑަކޮށްގެން އެއީ ހައްލެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ލަފާގެ މަތިން ބަޖެޓް ކޮމެޓީން މިހާރު ޓްރާފްޓްކުރާ ބަޖެޓް ރިޕޯޓްގައިވާ ގޮތުން އެކި ކޯޑުތަކުން އުނިކުރުމަށް ފަހު ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 349 މިލިއަން ރުފިޔާ އިތުރުކުރުމަށް ވަނީ ނިންމައިފަ އެވެ. ފައިސާ އުނިކުރާ ބައިތަކުގެ ތެރޭގައި ދައުލަތަށް ހަރުމުދާ ގަތުމުގެ ބަޔާއި ދަތުރުފަތުރުގެ ބައި އަދި ހިދުމަތް ދިނުމުގެ ހަރަދުތައް ހިމެނެ އެވެ.
އޮޑިޓާ ޖެނެރަލް ވެސް އަދި ގަވަރުނަރު ފަޒީލް ނަޖީބު ވެސް ރެކޮމެންޑް ކޮށްފައި ވަނީ 14.5 ބިލިއަން ރުފިޔާއަށް ބަޖެޓްކުޑަކުރުމަށެވެ. ނަމަވެސް ސަރުކާރުން އެ ނިންމުމާ ދެކޮޅު ހަދާ ބުނެފައި ވަނީ ބަޖެޓް ކުޑަކޮށްފި ނަމަ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ މުޅިންހެން އިނދަޖެހިގެން ހިނގައިދާނެ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށެވެ.