ސަރުކާރުން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކަ މިހާރު ދައްކަމުންދަނީ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވައި ރައްޔިތުންނަށް އޮޅުވާލައި މަކަރު ހެދުމުގެ ސިޔާސަތެއްގެ ދަށުން ކަމަށާއި ދަށުދަރަޖައިގެ އެ އަމަލު ކުއްވެރިކުރާ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.


ގައުމީ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިހާރުގެ ސަރުކާރުން މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކައިރިކޮށް އެމްޑީޕީއަށް ވޯޓު ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކަމަށެވެ.


ނަމަވެސް ހީކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ނުވުމުން، "ހާއްސަ ހާލަތެއް" މެދެވެރިވީ ކަމަށް ބުނެ ބަހަނާ ދައްކައިގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާ ކަމަށެވެ.


ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ، ބޭނުން ހިދެއްގައި ބޭނުންވި ގޮތެއް ހެދުމުގެ ބާރު ފިނޭންސް މިނިސްޓްރީގެ ވެރިންނަށް ލިބޭއިރު ހަމަ މުސާރަ ދިނުމަށް މަދަނީ ކޯޓުން ނިންމި ހުކުމް ތަންފީޒު ނުކޮށް އެހެން މަރުޙަލާއަކަށް ގެންދިއުމަކީ ސަރުކާރުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.


އަދި ބުނެފައި ވަނީ ދިވެހި ތާރީހުގައި އެންމެ ގިނަ ބައެއްގެ މަށްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު އަޅުވައި ސިވިލްސާވިސް މުވައްޒަފުންގެ މައްޗަށް ދައުވާކުރަން، މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަރުކާރުން ފުލުހުން ގެކިބައިން އެދުނު އެދުމަކީ ސިވިލްސާވިސް މުވައްޒަފުންނާމެދު ސަރުކާރުން ލާއިންސާނީ ސިޔާސަތެއް ގެންގުޅުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.


ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތަށް ސިވިލްސާވިސް މުވައްޒަފުންނަށް ދޭންޖެހޭ ހަމަ މުސާރަ ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި 2010 ވަނަ އަހަރުގެ ބަޖެޓްގައި ހަމަ މުސާރަ ދިނުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް މިހާތަނަށް ވެސް އެކަން ނުކޮށް ލަސްކުރުން ގައުމީ ޕާޓީން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.