23 Dec 2012, 13:02
އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ތާވަލުގެ ފުލުގައި އޮތް ރެޑިން ބައްދަލުކުރި މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ގަރެތް ބެރީ ބޮލުން ޖަހައި ކާމިޔާބު ކޮށްދިން ލަނޑުން އެކެއް ސުމަކުން ސިޓީ މެޗު ކާމިޔާބުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ މެޗު ސިޓީ ކާމިޔާބު ކުރުމުން 39 ޕޮއިންޓާ އެކު އެ ޓީމުވަނީ ލީގުގައި މިއަދު ސުވާންޒީ އާއި ކުރިމަތިލުމަށް ތައްޔާރުމަމުންދާ ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.
ރޭގެ މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ވަރުގަދަ އަށް ޑިފެންސް ކުރަމުން އައި ރެޑިން އިން ވަނީ ކައުންޓާ އެޓޭކްގައި ސިޓީގެ ގޯލަށް ނުރައްކާވާ ފަދަ ދެތިން ހަމަލާއެއް ފޮނުވާލާފަ އެވެ. ހަމަ އެހެންމެ ރެޑިން އިން ވަނީ ސިޓީގެ އަމިއްލަ ދަނޑުގައި އެތަކެއް ހާސް ފޭނުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ސިޓީއަށް ލަނޑެއް ކާމިޔާބު ވިޔަ ނުދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން ސިޓީ ހާސްކަމުގެ ތެރެއަށް ގެނުވާފަ އެވެ.
މެޗުގެ 87 ވަނަ މިނިޓުގެ ފަހުން ލަނޑު ކާމިޔާބުކޮށްގެން ސިޓީ މެޗު ކާމިޔާބު ކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. މެޗުން މޮޅުވުމުން ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މެޗުން މޮޅުވުމުން އުފާވީ ނަމަވެސް މިގޮތަށް މޮޅުވާތަން ދެކެން އެއީ އޭނާގެ ހިތަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"މޮޅުވީމަ ވަރަށް އުފާވޭ. އެކަމަކު މިފަދަ ހިތް ތަޅުވާލާ ފަދަ އެތައް މެޗެއް ގޮސްފި. މީކީ އަހަރެންގެ ހިތަށް ތަހައްމަލު ކުރެވޭ ވަރުގެ ކަންތަކެއް ނޫން" ސިޓީގެ ކޯޗު ބުންޏެވެ. އޭނާ އިތުރަށް ބުނީ "އަހަރެމެންގެ މަސައްކަތް ވަރަށް ބަރާބަރު. އެންމެ ފަހު ވަގުތާ ވެސް އަހަރެމެންގެ ވިސްނުން ބެހެއްޓީ މޮޅުވާން" ކަމަށެވެ.
ރެޑިންގްގެ ކޯޗް ބްރެއިން މެކްޑާމޮޓް ބުނީ އެ ޓީމުގެ ޑިފެންޑަރު ނިކީ ސޯރޭގެ ކަނދުރާމަތީ އަތްއަޅައި ފުންމައިގެން އަރާ ބެރީ ބޮލުން ޖެހި ލަނޑަކީ ރަނގަޅު ލަނޑެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ބައެއް ނިންމުންތައް ރެޑިން އާއި ދެކޮޅަށް މީގެ ކުރިން ވެސް ނިމިފައި އެބަ ހުރި ކަމަށެވެ.
"މެޗު ނިމުމުން އަހަރެން ރެފްރީއާއި އެ ވާހަކަ ދެއްކިން. ރެފްރީ ބުނީ އޭނާ ފުންމައިގެން އަރާ މަތީގައި އޮވެގެން ކަމަށް ބޮލުންޖެހީ. މީހެއްގެ ކޮނޑުގައި އެލިގަނެގެން އެގޮތައް މުޅި ދުވަހު ވެސް މީހަކަށް މަތީގައި އޮވެވިދާނެ،" ރެޑިންގެ ކޯޗު ބުންޏެވެ.
މީގެ އިތުރުން ރެޑިންގެ ކޯޗު ބުނީ ފަހުހާފުގައި އެ ޓީމަށް ލިބެން ޖެހޭ ދެ ޕެނަލްޓީ ވެސް ރެފްރީ އަޅާ ނުލާ ދޫކޮށްލާފައި ވާކަމަ ށެވެ. މިގޮތުން ސިޓީގެ އޭރިޔާ ތެރެއިން އެ ޓީމުގެ މެޓީޖާ ނަސްޓާސިޗު އަތުގައި ޖެހުނު ބޯޅަ އާއި ސިޓީގެ އޭރިޔާ ތެރެއިން ރެޑިންގެ ޖޭ ޓެބް އަށް ސިޓީގެ ކަރީމް ރެކިކް ކުރި ފައުލް އޭނާ ފާހަގަ ކުރި އެވެ.
ޕްރިމިއާ ލީގުގައި ހޮނި ހިރު ދުވަހު އިތުރަށް ކުޅުނު މެޗުތަކުން ވިގަންގެ ދަނޑުގައި އެޓީމާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެކެއް ސުމަކުން ކާމިޔާބު ކުރީ އާސެނަލް އެވެ. ނިއުކާސަލް އެކެއް ސުމަކުން ކުއީން ޕާކް ރޭންޖާސް ބަލި ކުރި އިރު ސައުތު ހެމްޓަންގެ ދަނޑުގައި ސަންޑަލޭންޑް ވަނީ އެކެއް ސުމަކުން އެ ޓީމުގެ މައްޗަށް ކުރި ހޯދާފަ އެވެ. ޓޮޓްންހަމް އާއި ސްޓޯކް ސިޓީ ލަނޑެއް ނުޖެހި އެއްވަރުވީ އިރު ވެސްޓް ބްރޮމް ބަނީ ދޭއް އެކަކުން ނޯވިޗް ބަލިކޮށްފަ އެވެ. ވެސްޓްހޭމްގެ ދަނޑުގައި އެކެއް ދޭކުން އެވަޓަން އަތުން އެ ޓީމު ބަލިވީ އިރު އެންފީލްޑް ގައި ލިވަޕޫލް ވަނީ ހަތަރެއް ސުމަކުން ފުލަމްގެ މައްޗަށް ކާމިޔާބު ހޯދާފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ސްވަންޒީ އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނަ އިރު ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ޗެލްސީ އާއި އެސްޓަންވިލާ އެވެ.