23 Dec 2012, 12:57
އިންޑިޔާ އަށް އެންމެ ފަހުން ބޭއްވި ދުނިޔޭގެ ކުރިކެޓް ތަށި ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ގައުމުގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ޑެންޑުލްކަރު، 39، ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކުރިކެޓް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.
މުޅި ދުނިޔޭގައި ވެސް މިހާރު ހުރި އެންމެ މޮޅު ބެޓްސްމަން، ސަޗިން، އޯޑީއައި މެޗުތައް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައި މިވަނީ އިންޑިޔާ އާއި ޕާކިސްތާން ޓުވެންޓީ ޓުވެންޓީ (ޓީ-20)ގެ ދެމެޗާއި އޯޑީއައި ތިންމެޗު އަންނަ ހަފުތާގައި ކުޅެން ހަމަޖައްސާފައި ވަނިކޮށެވެ. ޓީ-20 މެޗުތައް ކުޅުން ސަޗިން ވަނީ ކުރިން ހުއްޓާލާފަ އެވެ.
ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިޔާ (ބީސީސީއައި) އިން ސަޗިންއާ ހަވާލާދީ ނެރެފައިވާ ބަޔާނެއްގައި ވަނީ "އަހަރެން ނިންމައިފިން ވަންޑޭ ފޯމެޓް މެޗުތައް ކުޅުން ހުއްޓާލަން. އަހަރެން އުފާކުރަން އިންޑިޔާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދޭ ޓީމުގައި ހިމެނުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީމާ. ދުނިޔޭގެ ކުރިކެޓް ތަށި ދިފާއުކުރުމަށް 2015 އަށް ވާންޖެހޭ ތައްޔާރީތައް ދުރާލާ ފަށަން ޖެހޭ. މި ދިޔަ ދުވަސްތަކުގައި އަހަރެންނަށް ހެޔޮއެދޭ އަދި ހިތްވަރު ދިން މީހުންނަށް އަހަރެން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން" އެ ބަޔާނުގައިވެ އެވެ.
ތޭވީސް އަހަރު ދުވަހު ކުޅުމަށް ފަހު އޭނާގެ އޯޑީއައި ހަޔާތަށް ނިމުމެއް ގެނައި ސަޗިން ބުނެފައި ވަނީ އޭނާ ދެން ބޮޑަށް އިސްކަންދޭނީ ޓެސްޓް ކުރިކެޓް އަށް ކަމަށެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު ސަޗިން އަށް ދިހަ އޯޑީއައި އިން ކާމިޔާބު ކުރެވިފައި ވަނީ 315 ލަނޑެވެ. އެހެން ނަމަވެސް އޭނާގެ 23 އަހަރު ދުވަހުގެ ކްރިކެޓް ހަޔާތުގައި އޭނާ ވަނީ 463 އޯޑީއައި ކުޅެގެން 18426 ލަނޑު ހަދައިފަ އެވެ.
ސަޗިން އެންމެ ފުރަތަމަ ބައިނަލް އަގުވާމީ ފެންވަރުގައި ކުރިކެޓް މެޗަކުން ފެނުނީ އުމުރުން 16 އަހަރުގައި ޕާކިސްތާނާ ދެކޮޅަށެވެ. އަދި ވަންޑޭ އިންޓަނޭޝަނަލް މެޗުތަށް ކުޅުން ހުއްޓާލި އިރު އޭނާ އެންމެ ފަހުން އޯޑީއައި އެއް ކުޅެފައި ވަނީ މި އަހަރުގެ މާޗު 18 ވަނަ ދުވަހު އޭޝިޔާ ކަޕްގައި ހަމަ ޕާކިސްތާނާ ދެކޮޅަށެވެ.